ޓެސްލާ އިންކް ކުންފުނީގެ ސީއީއޯ އިލޯން މަސްކް ދުނިޔޭގައި 2 ވަނައަށް އެންމެ މުއްސަނދިމީހާއަށް ވެއްޖެއެވެ. އޭނާ އަކީ މީގެ ކުރިން ދުނިޔޭގެ 3 ވަނައަށް އެންމެ މުއްސަނދިމީހާއެވެ. ކުރިން ދުނިޔޭގެ 2 ވަނައަށް އެންމެ މުއްސަނދިމީހާ އަކީ މައިކްރޯސޮފްޓްގެ ބާނީ ބިލްގޭޓްސްއެވެ.

އުމުރުން 49 އަހަރުގެ އިލޯން މަސްކުގެ ޓެސްލާ ކުންފުންޔަކީ އިއާދަ ކުރަނިވި ހަކަތަ އަދި ކަރަންޓް ބޭނުންކޮށްގެން ވެހިކަލް އުފައްދާ ކުންފުންޏެކެވެ. މީގެއިތުރުން ޖައްވަށް މީހުން އުފުލުމަށް ހާއްސަ އުޅަނދު ތައްޔާރުކުރުމަށް އޭނާ ވަނީ ސްޕޭސް އެކްސްޕްލޮރޭޝަން ޓެކްނޮލޮޖީސް ކޯރޕް ( ސްޕޭސް އެކްސް ) ގެ ނަމުގައި ކުންފުންޏެއް އުފައްދާފައެވެ. މަސްކުގެ މިލްކިއްޔާތުގެ ފައިދާ ގެ ދެބައިކޮޅު އެއްބައި ލިބެނީ މިކުންފުނިންނެވެ. ޓެސްލާ ކުންފުނީގެ ޝެއަރގެ އަގު އުފުލުމާއިއެކު  އިލޯން މަސްކުގެ ނެޓް ވޯތް ވަނީ 7.2 ބިލިއަން ޑޮލަރުން 127.9 ބިލިއަނަން ޑޮލަރަށް އިތުރުވެފައެވެ.ސްޕޭސް އެކްސް ވުޖޫދަށްގެނައި އިލޯން މަސްކް މީގެކުރިން އޮތީ ބްލޫމްބަރގ ގެ ބިލިއަނަރުންގެ ލިސްޓުގެ 35 ވަނައިގައެވެ. މިއަހަރު ތެރޭގައި އިލޯން މަސްކުގެ ނެޓްވޯތްއަށް މިވަނީ 100.3 ބިލިއަން ޑޮލަރު އިތުރުވެފައެވެ.

މީގެ ކުރިން ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި ބިލް ގޭޓްސްގެ ކުންފުނި ކަމުގައިވާ މައިކްރޯސޮޕްޓް ކޯރޕް އިން މިލްކިއްޔާތުގެ 27 ބިލިއަން ޑޮލަރު ޗެރިޓީގެ ގޮތުގައި ގޭޓްސް ފައުންޑޭޝަނަށް ނުދިންނަމަ މިމަގާމުގައި އަދިވެސް ހުންނާނީ ބިލްގޭޓްސްއެވެ.

ބްލޫމްބަރގ އިން ހާމަކޮށްފައިވާގޮތުގައި ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހަކީ އެމޭޒަންގެ ސީއީއޯ ޖެފް ބެޒޯސްއެވެ. އޭނާގެ މިލްކިއްޔާތުގައި 182 ބިލިއަން ޑޮލަރު ހުރިއިރު މިއަހަރުއެކަނި ވެސް ފައިދާގެގޮތުގައި އޭނާއަށްވަނީ 67 ބިލިއަން ޑޮލަރު ޖެހިފައެވެ.