މިހާރު ކުރިއަށްދާ 32 ވަނަ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން އައިމިނަތު ވިދާދް އާއި އައިޝަތު ނަހުފާގެ ޕެއާ އިން ހޯދައިފިއެވެ.
މިއީ މި ފަހަރުގެ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގައި ނަހުފާ ކާމިޔާބުކުރި ދެވަނަ އިވެންޓެވެ. މީގެކުރީން، އޭނާ ވަނީ އިއްޔެ ހަވީރު ކުޅުނު މިކްސް ޑަބަލްސް އިވެންޓް ކާމިޔާބުކޮށްފައެވެ.
މި މަހުގެ 13 ގައި ފެށި ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގައި މިކްސް ޑަބަލްސް އާއި އަންހެން އަދި ފިރިހެން ޑަބަލްސްގެ އިތުރުން ސިންގަލްސް އިވެންޓް އަދި ޓީމް އިވެންޓްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވެއެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓް ފައިނަލްގައި ރޭ ވިދާދް އާއި ނަހުފާގެ ޕެއާ ވަނީ ސީދާ ދެ ސެޓުން އައިޝަތު ފައިނާޒް އާއި އާމިނަތު ވިޝާމާގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ވިދާދް އާއި ނަހުފާ ގެންދިޔައީ 25-8، 25-2 އިންނެވެ.
މި އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި އަފީފުއްނިސާ އާއި އާމިނަތު ނިފާޝާގެ ޕެއާ އަތުން ފާތިމަތު ރަޔާނާ އާއި އާމިނަތު ޝުބާ އާދަމްގެ ޕެއާ މޮޅުވީ 24-8، 25-4 އިންނެވެ.
މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ފިރިހެން ޑަބަލްސް އިވެންޓްގެ މެޗުތަކާއި، ޓީމް އިވެންޓްގެ މެޗުތަކެވެ.
