މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގެ 18/30 މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކަށްފަހު ފެނަކަ އާއި ޕޮލިސް ކްލަބުން ފައިނަލަށް ދަތުރުކުރިއިރު، 18/30 ކްލަސިކް މުބާރާތުގެ ފައިނަލްގައި އެމްއޭސީއެލް ބައްދަލުކުރާނީ ވެމްކޯއާ އެވެ.
އިއްޔެ ކުޅުނު 18/30 މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބު އަތުން 2-1 އިން ފެނަކަ ބަލިވިނަމަވެސް، ފައިދާ ގޯލްގެ ތަފާތުން އެ ޓީމު ވަނީ އެއްވަނަ މަގާމާއެކު ފައިނަލަށް ދަތުރުކޮށްފައެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުވި ސިފައިން ކެޓީ ފައިދާ ގޯލްގެ ތަފާތުން ތިންވަނަ ލިބުމުންނެވެ. ލީގު ބުރުގައި ވާދަކުރި ތިން ޓީމަށް ވެސް ހަ ޕޮއިންޓް ލިބުނުއިރު، ދެވަނަ ޓީމުގެ ގޮތުގައި ޕޮލިހުން ވަނީ ފައިނަލްގެ ދެވަނަ ޖާގަ ހޯދާފައެވެ.
ހުޅުމާލެ ރެހެންދި ފުުޓްސަލް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ސިފައިންގެ ޓީމުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފާތިމަތު އަފްޒާ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ފާތިމަތު އިނާޝާ އާދަމްގެ ގޯލުން ފެނަކަ އިން އެއްވަރުކޮށްފައިވަނިކޮށް ސިފައިންގެ ޓީމު މޮޅުވި ލަނޑު، ފަހު ހާފުގެ ފަހު ބައިގައި ކާމިޔާބުކުރީ މައީޝާ އަބްދުލް ހަންނާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ސިފައިންގެ ޓީމުގެ މައީޝާ އެވެ.
މި މުބާރާތުގައި ރޭ ކުޅުނު 18/30 ކްލަސިކް ސެމީ ފައިނަލް މެޗުގައި ކްލަބް އެމްވައިއެސް (ޔޫތު މިނިސްޓްރީ) އަތުން ވެމްކޯ މޮޅުވީ 5-0 އިންނެވެ. މި މެޗުގައި ވެމްކޯ އިން ޖެހި ފަސް ލަނޑުގެ ތެރެއިން ފަޒްލާ އިބްރާހިމް ދެ ގޯލްޖެހިއިރު، އަނެއް ލަނޑުތައް ޖަހައިދިނީ މަރިޔަމް މަލްސާ ޝަމީމް އާއި ފާތިމަތު ޔޫނާ އަހުމަދު އަދި ސަފިއްޔާ ރަފާ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ ވެމްކޯގެ ކެޕްޓަން ރަފާ އެވެ.
18/30 ކްލަސިކްގެ ސެމީގެ ދެވަނަ މެޗުގައި ޕްރިޒަން ކްލަބު އަތުން ޓީމް އެމްއޭސީއެލް މޮޅުވީ ވެސް 5-0 އިންނެވެ. މި މެޗުގައި އެމްއޭސީއެލްގެ ފިރުޝާނާ ނަސީރު ހެޓްރިކެއްހެދިއިރު، އެ ޓީމުގެ އަނެއް ދެ ލަނޑުޖަހައިދިނީ އާޒިނާ މަތީން އާއި އިނާސާ އަބްދުއްރަހީމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެމްއޭސީއެލްގެ ފިރުޝާނާ އެވެ.
18/30 މުބާރާތުގައި ޕޮލިހާއި ފެނަކަ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވާ ހޮނިހިރު ދުވަހު އެވެ. އަދި އެމްއޭސީއެލްއާ ވެމްކޯ ވާދަކުރާ 18/30 ކްލަސިކް މުބާރާތުގެ ފައިނަލް އޮތީ މި މަހުގެ 23 ވާ ބުދަ ދުވަހުގެ ރޭ އެވެ.
