މިހާރު ކުރިއަށްދާ 32 ވަނަ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން އާދަމް އަދީލް އާއި އަހުމަދު ޖަލާލް އަލީގެ ޕެއާ އިން ހޯދައިފިއެވެ.
މި މަހުގެ 13 ގައި ފެށި ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގައި މިކްސް ޑަބަލްސް އާއި އަންހެން އަދި ފިރިހެން ޑަބަލްސް އިވެންޓްގެ އިތުރުން ޓީމް އިވެންޓްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވެއެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި ރޭ ކުޅުނު ފިރިހެން ޑަބަލްސް އިވެންޓް ފައިނަލްގައި އަދީލް އާއި ޖަލާލްގެ ޕެއާ ވަނީ ފަހަތުންއަރައި 2-1 އިން ޚާތިމް ޚަލީލް އާއި ނައުފަލް ޝަރީފްގެ ޕެއާ ބަލިކޮށްފައެވެ.
ފައިނަލް މެޗުގެ ފުރަތަމަ ސެޓު 22-18 އިން ގެންދިޔައީ އެންމެފަހުގެ އިންޓަ އޮފީސް ކެރަމް މުބާރާތުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދި ޚާތިމް އާއި ނައުފަލްގެ ޕެއާ އިންނެވެ. ނަމަވެސް، އަދީލް އާއި ޖަލާލްގެ ޕެއާ ވަނީ ދެން ޖެހިގެންއައި ދެ ސެޓު 25-13، އަދި 24-17 އިން ކާމިޔާބުކޮށްފައެވެ.
މި އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި ހަސަން ނާޒިމް (ނާނަ) އާއި އަހުމަދު ހާމިދު (ސްމިތު) ގެ ޕެއާ ވަނީ ފަހަތުންއަރައި 2-1 އިން ހުސެއިން ނީޝާމް (ނީނީ) އާއި އިސްމާއިލް އަޒްމީންގެ ޕެއާ އަތުން މޮޅުވެފައެވެ. ހަތަރު ގައުމީ ޗެމްޕިއަނުން ދެ ޕެއާގެ ގޮތުގައި ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 25-9 އިން ގެންދިޔައީ ނީޝާމް (ނީނީ) އާއި އަޒްމީންގެ ޕެއާ އެވެ. ނަމަވެސް، ދެން ޖެހިގެންއައި ދެ ސެޓު 24-12، އަދި 25-13 އިން ގެންގޮސް ނާޒިމް (ނާނަ) އާއި ހާމިދު (ސްމިތު) ގެ ޕެއާ ވަނީ ތިންވަނަ މަގާމް ހާސިލްކޮށްފައެވެ.
މި މުބާރާތުގައި މިއަދު ކުރިއަށްދާނީ އަންހެން އަދި ފިރިހެން ޑަބަލްސް އިވެންޓްގެ މެޗުތަކެވެ. މި އިވެންޓްގެ އަންހެން ބައިގައި ތިން ޓީމެއް ވާދަކުރާއިރު، ފިރިހެން ޓީމް އިވެންޓްގައި ފަސް ޓީމެއް ބައިވެރިވެފައިވެއެވެ.
