ބީއެމްއެލްގެ އެހީގައި ކެންސަރަށް ފަރުވާ ކުރުމަށް އައިޖީއެމްއެޗްގައި ގާއިމްކުރެވުނު އޮންކޮލޮޖީ ވޯޑު މިއަދު ހުޅުވައިފި އެވެ.  

މި ވޯޑު ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

މިއަދު އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާރލް ސްޓުމްކަ އާއި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމްގެ އިތުރުން އެ ހޮސްޕިޓަލްގެ ވެރިންނާއި ބީއެމްއެލްގެ ބޯޑު މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.  

ބީއެމްއެލް އިން ވަނީ މި ޕްރޮޖެކްޓް ހިންގުމަށް 3.5 މިލިއަން ރުފިޔާގެ ހިލޭ އެހީދީފައެވެ. މިއީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގުނު މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން އެއް ހަރަކާތެވެ.   

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ  އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ހިންގުނު ޕްރޮޖެކްޓްތައް ވާނީ ރާއްޖެއަށް މުހިންމު ގިނަ ދާއިރާތަކަށް އަމާޒުކޮށްފައި ކަމަށެވެ.

މިގޮތުން މިއަދު ހުޅުވިގެން މިދާ އޮންކޮލޮޖީ ވޯޑަކީ އައިޖީއެމްއެޗްގެ އިތުރުން ސިއްހީ ދާއިރާއަށް ވެސް ވަރަށް ބޭނުންތެރި މުހިންމު ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ އުންމީދަކީ މި ވޯޑު މެދުވެރިކޮށް ރައްކާތެރި އަދި ފެންވަރު ރަނގަޅު އޮންކޮލޮޖީ ހިދުމަތްތަކެއް އެކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ލިބިގެންދިޔުން. ކާރލްސް ވިދާޅުވިއެވެ.

އައިޖީއެމްއެޗްގައި ގާއިމްކުރެވުނު މި ވޯޑުގައި 8 ކިޔުބިކަލް ހިމެނެއެވެ. އެހެންކަމުން އެއް ފަހަރާ 8 ޕޭޝަންޓުންނަށް އެޑިމިޓްކޮށްގެން ހިދުމަތް ދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.