މަޝްހޫރު ކޭޕޮޕް ބޭންޑުގެ ލަވަކިއުންތެރިއާ ޖަންގްކޫކް އަކީ 2020 ވަނަ އަހަރުގެ ބައިނަލްއަގްވާމީ އެންމެ ސެކްސީ ފިރިހެނާކަމަށް ހޮވިއްޖެއެވެ. ޖަންގްކޫކް އަށް މިއެވޯރޑް ލިބުނީ ދުނިޔޭގެ މަޝްހޫރު ޕީޕަލްސް މެގަޒިންއިން އާންމުންގެ ތެރެއިން ނެގި ވޯޓަކުން އެއްވަނަ ލިބިގެންނެވެ.

ޖަންގްކޫކް އެންމެ ސެކްސީ ފިރިހެނާގެ އެވޯރޑް ހާސިލް ކުރީ ޑޭން ލެވީ، ކީތް އަރބަން، މެތިއު ރައިސް އަދި ޕޮއުލް މެސްކަލް ފަދަ ތަރިންނާއި ވާދަކޮށްގެންނެވެ. ޕީޕަލްސް މެގަޒިންގެ ފަރާތުން ވޯޓުލުމުގެ ފުރުސަތު މަހެއްވަންދެން ހުޅުވާލިއެވެ. އެއްމަސް ތެރޭގައި އެންމެ ގިނަ ވޯޓް ލިބިފައިވަނީ ޖަންގްކޫކް އަށެވެ. ޖަންގް ކޫކް އަކީ ގިނަ އަންހެން ކުދިންގެ ތާއީދް ލިބިފައިވާ، ރާއްޖޭގައިވެސް ވަރަށް ގިނަ ޒުވާނުންގެ މަގުބޫލްކަން ހޯދާފައިވާ ލަވަކިއުންތެރިއެކެވެ.

ޕީޕަލްސް މެގަޒިންގެ އިތުރު އެވޯރޑް ތައް ލިބުނު ފަރާތް ތަކުގެ ތެރެއިން ޕީޕަލްސް ސެކްސިއަސްޓް މޭން އެލައިވް ގެ ލަގަބް ލިބުނީ ބްލެކް ޕެންތަރގެ ތަރި މައިކަލް ބީ ޖޯޑަން އަށެވެ.

އަދި އެންމެ ސެކްސީ ޝާހީ ފަރާތަކަށް ހޮވިފައިވަނީ ޕްރިންސް ހެރީއެވެ. މިއެވޯރޑް ޕްރިންސް ހެރީ ހާސިލްކުރީ ދޮށީ ބޭބެ ޕްރިންސް ވިލިއަމް، ސްވީޑަންގެ ޕްރިންސް ކާރލް ފިލިޕް، ލަކްސްމްބާރގް ގެ ޕްރިންސް ފީލިކްސް، އަދި ބްރޫނާއިގެ ޕްރިންސް މަތީން އާ ވާދަކޮށްގެންނެވެ.