ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެ، ވެމްކޯ އާއި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

އާރްއާރްސީ އަކީ 2021 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަނެވެ. ވެމްކޯ އިން މީގެކުރީން ފައިނަލްގައި ވާދަކޮށްފައިވީނަމަވެސް އެ ޓީމަށް ތަށި ލިބިފައެއްނުވެއެވެ.

ސެމީގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ބީއެމްއެލް އަތުން 7-3 ގެ ނަތީޖާއަކުން ވެމްކޯ މޮޅުވިއިރު، ދެވަނަ ސެމީގައި އާރްއާރްސީ އިން ޓީމް އެފްއެސްއެމް ބަލިކުރީ ވެސް 7-3 އިންނެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ބީއެމްއެލް އިންނެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ އަހުމަދު ހުނައިފް އެވެ. އޭގެފަހުން، މެޗުގެ 13 އާއި 14 ވަނަ މިނެޓުގައި އަހުމަދު ވިޖުދާން (ވިޖުއްކޮ) އާއި އިސްމާއިލް ވަޖީހު (ވައްޖެ) ކާމިޔާބުކުރި ލަނޑުތަކުން ވެމްކޯ އިން ލީޑްނެގިއެވެ.

ރޭގެ މެޗުގައި ވެމްކޯގެ އަލީރެޒާ ޝެއިޚްލާރް (ކ) ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. --ފޮޓޯ: ވެމްކޯ

ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަރަކަށް މިނެޓުގެ ތެރޭގައި ވެމްކޯގެ އީރާން ކުޅުންތެރިޔާ، އަލީރެޒާ ޝެއިޚްލާރްގެ ގޯލުން އެ ޓީމުން ލީޑް ފުޅާކުރިއެވެ. އަދި އޭގެފަހުން، ބީއެމްއެލްގެ ކެޕްޓަން އިޝާން އިބްރާހިމް (ސައްޓު) ގެ ލަނޑާއެކު ނަތީޖާ 2-3 އިން ބަދަލުކޮށްލިއެވެ. އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި އަލީރެޒާ ވަނީ އިތުރު ގޯލެއްޖަހައިދީ ވެމްކޯގެ ލީޑް ދަމަހައްޓައިދީފައެވެ. މި ލަނޑުޖެހިތާ ދެ މިނެޓުގެ ތެރޭގައި ވައްޖެ ވަނީ އިތުރު ގޯލެއްޖަހައިދީ، ނަތީޖާ 5-2 އަށް ބަދަލުކޮށްލާފައެވެ.

ވައްޖެގެ ލަނޑަށް މާގިނައިރުތަކެއް ނުވަނީސް، މި މެޗުގައި ވެމްކޯ އިން ޖެހި ހަވަނަ ލަނޑާއެކު އަލީރެޒާ ހެޓްރިކް ފުރިހަމަކުރިއެވެ. އޭގެފަހުން، މެޗުގެ 35 ވަނަ މިނެޓުގައި ހައިޝަމް ރަޝީދު ވަނީ ބީއެމްއެލްގެ ތިންވަނަ ލަނޑުޖަހައިދީފައެވެ. މެޗުގައި ވެމްކޯ އިން ޖެހި ފަހު ލަަނޑުޖެހީ ވެސް އަލީރެޒާ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ.

މުބާރާތުގެ ސެމީގެ ދެވަނަ މެޗުގައި އާރްއާރްސީ އިން ޖެހި ހަތް ލަނޑުގެ ތެރެއިން އެ ޓީމުގެ ހުސެއިން ގައްސާން ލަބީބް (ހުސީ) ދެ ގޯލްޖެހިއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އަލީ ހާފިޒް (ހާއްޕެ)، އަބްދުﷲ ޔާމީން (ޔާނު)، އިބްރާހިމް ސިނާހު (ސިނާ)، އަލީ ޝިފާއު (ރޮނާ) އަދި އަލީ ޝާމިސް (ތޮއްޕޭ) އެވެ. މި މެޗުގައި އެފްއެސްއެމް އިން ކާމިޔާބުކުރި ލަނޑުތައް ޖެހީ މުޙައްމަދު ޝާން އާއި އަލީ އަލްސަން އަދި އަބްދުﷲ ޒިޔާން (ޖަންކީ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ އާރްއާރްސީގެ ގައްސާން (ހުސީ) އެވެ.

ވެމްކޯއާ އާރްއާރްސީ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވާ ހުކުރު ދުވަހުގެ ރޭ އެވެ.