މިހާރު ކުރިއަށްދާ 32 ވަނަ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ޓީމް އިވެންޓްގެ ޗެމްޕިއަންކަން ތުޅާދޫ ޔަންގް އީގަލް ހޯދައިފިއެވެ.
މި އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ފެށި ފުރަތަމަ ޑިވިޝަނުގެ ފިރިހެން ޓީމް އިވެންޓްގެ ބައިގައި ފަސް ޓީމަކުން ވާދަކޮށްފައިވެއެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް އެރީނާގައި ރޭ ކުޅުނު ފިރިހެން ޓީމް އިވެންޓް ފައިނަލްގައި ތުޅާދޫ ޔަންގް އީގަލް ވަނީ 2-1 އިން ކަސްޓަމްސް ރެކްރިއޭޝަން ކްލަބް (ސީއާރްސީ) ބަލިކޮށްފައެވެ.
ފައިނަލްގައި ހިމެނޭ ސިންގަލްސް ފުރަތަމަ މެޗުން ޔަންގް އީގަލްގެ ޔަމާން އަބްދުލް ޖަލީލް އަތުން ސީއާރްސީގެ އިސްމާއިލް އަޒްމީން 6-25، 0-25 އިން މޮޅުވިއިރު، ސިންގަލްސް ދެވަނަ މެޗުން ޔަންގް އީގަލްގެ މުޙައްމަދު މުންތަސިރު ވަނީ 19-15، 0-25، އަދި 24-16 އިން ސީއާރްސީގެ ނައުފަލް ޝަރީފް ބަލިކޮށްފައެވެ. ޑަބަލްސް މެޗުގައި ޔަންގް އީގަލްގެ ޚާތިމް ޚަލީލް އާއި އިބްރާހިމް އަޒްމީންގެ ޕެއާ ވަނީ 25-7، 4-21، އަދި 22-19 އިން ސީއާރްސީގެ އިބްރާހިމް ހުޖާން އާއި އަހުމަދު ނިޔާޒްގެ ޕެއާ ބަލިކޮށްފައެވެ.
މި އިވެންޓްގެ ތިންވަނަ ހޮވާ މެޗުގެ ސިންގަލްސް ބައިގައި އެސްޕިރޭޝަން ފޯރ އޯލް އިނިޝިއޭޓިވްސް ސްޕޯޓްސް ކްލަބު (އޭއޭއައި)ގެ އަހުމަދު އިކްލީލް ވަނީ ކުޑަ ހެންވޭރު ޔުނައިޓެޑްގެ އަލީ ހަސަން އަތުން 16-25، 25-4، އަދި 25-6 ވަނީ މޮޅުވެފައެވެ. ސިންގަލްސް ދެވަނަ މެޗުގައި އޭއޭއައިގެ ހަސަން ނާޒިމް (ނާނަ) ވަނީ ކުޑަ ހެންވޭރުގެ އަލީ އާޒިމް (އާޒީ) އަތުން 18-19، 8-24، އަދި 25-5 އިން މޮޅުވެފައެވެ. ޑަބަލްސް މެޗުގައި އޭއޭއައިގެ އާދަމް ސަލީމް އާއި އަބްދުﷲ އިސްމާއިލްގެ ޕެއާ ވަނީ ކުޑަ ހެންވޭރުގެ އިބްރާހިމް ލިފާއު އާމިރު އާއި އަބްދުﷲ ލަބީދުގެ ޕެއާ އަތުން 25-3، 19-22، އަދި 19-14 އިން މޮޅުވެފައެވެ.
މި މުބާރާތުގައި މިއަދު ކުރިއަށްދާނީ އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓްގެ މެޗުތަކެވެ.
