މިހާރު ކުރިއަށްދާ 32 ވަނަ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ އަންހެން ޓީމް އިވެންޓްގެ ޗެމްޕިއަންކަން އައިލެންޑާސް ހޯޕް ސްޕޯޓްސް ކްލަބު ހޯދައިފިއެވެ.
މި މަހުގެ 13 ގައި ފެށި ފުރަތަމަ ޑިވިޝަނުގެ އަންހެން ޓީމް އިވެންޓްގެ ބައިގައި ތިން ޓީމަކުން ވާދަކޮށްފައިވެއެވެ. އެއީ، އައިލެންޑާސް ހޯޕް، ކުޑަ ހެންވޭރު ޔުނައިޓެޑް އަދި ކަސްޓަމްސް ރެކްރިއޭޝަން ކްލަބް (ސީއާރްސީ) އެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް އެރީނާގައި ރޭ ކުޅުނު އަންހެން ޓީމް އިވެންޓްގެ ފައިނަލުން އައިލެންޑާސް ހޯޕް ވަނީ 2-1 އިން ކުޑަ ހެންވޭރު ބަލިކޮށްފައެވެ.
ފައިނަލް މެޗުގައި ކުޅުނު ފުރަތަމަ ސިންގަލްސްގައި އައިމިނަތު ވިދާދް ވަނީ 25-10، 25-13 އިން ކުޑަ ހެންވޭރުގެ އާމިނަތު ވިޝާމާ ބަލިކޮށްފައެވެ. ދެވަނަ ސިންގަލްސްގައި ކުޑަ ހެންވޭރުގެ ކުޅުންތެރިޔާ ހާޟިރުނުވުމުން އައިލެންޑާސް ހޯޕްގެ ފާތިމަތު ރަޔާނާ އަށް އެ މެޗު ވަނީ ލިބިފައެވެ. ޑަބަލްސް މެޗުން ކުޑަ ހެންވޭރުގެ އައިޝަތު ފައިނާޒް އާއި ފާތިމަތު ޔުމްނާގެ ޕެއާ ވަނީ 20-9، 23-17 އިން އައިލެންޑާސް ހޯޕްގެ ރާފިއަތު ރިޒްމާ އާއި ފާތިމަތު މުޙައްމަދު ސައީދުގެ ޕެއާ އަތުން މޮޅުވެފައެވެ.
މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ސިިންގަލްސް އިވެންޓްގެ މެޗުތަކެވެ.
