ދާދިފަހުން އިނގިރޭސި ކްލަބު ޓޮޓެންހަމް ހޮޓްސްޕާ ދޫކޮށް ޖަރުމަނުގެ ބަޔާން މިއުނިކަށް ބަދަލުވި އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން، ހެރީ ކޭން ޖަހައިދިން ފުރަތަމަ ގޯލާއެކު އެ ޓީމުން 4-0 އިން ވާޑާ ބްރޭމަން ބަލިކޮށްފިއެވެ.

ކޭން، 30، ބަޔާނަށް ބަދަލުވީ ބޯނަހާ ނުލައި ގާތްގަނޑަކަށް 100 މިލިއަން ޔޫރޯ (86.4 މިލިއަން ޕައުންޑް) ގެ ފީއަކަށެވެ. ބަޔާންގެ ޖާޒީގައި ކޭން ކުޅުނު ފުރަތަމަ މެޗަކީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ޖަރުމަން ސުޕަ ކަޕް ފައިނަލްގައި އާރްބީ ލީޕްޒިގު އަތުން 3-0 އިން ބަލިވި މެޗެވެ.

ބްރޭމަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބަޔާނުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި އެ ޓީމަށް ކާމިޔާބުކުރެވުނީ އެންމެ ގޯލެކެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ބަޔާނަށް ގޯލް ހުޅުވައިދިނީ ޖަރުމަނުގެ ހަލުވި ވިންގް، ލެރޯއީ ސާނޭ އެވެ.  އޭނާ މި ލަނޑުޖެހީ ކޭން ދިން ބޯޅައަކުންނެވެ.

ބަޔާނުން ރޭގެ މެޗުގައި ޖެހި ދެވަނަ ލަނޑު، 74 ވަނަ މިނެޓުގައި ކޭން ކާމިޔާބުކުރީ ކެނެޑާގެ ހަލުވި ފުލްބެކް، އަލްފޮންސޯ ޑޭވީސް ދިން ބޯޅައަކުންނެވެ. އަދި އޭގެފަހުން، މެޗުގެ ފުރިހަމަވަގުތުގެ އެންމެ ފަހު މިނެޓުގައި ތޯމަސް މުލާ ދިން ޕާހަކުން ސާނޭ ވަނީ ބަޔާންގެ ތިންވަނަ ލަނޑުޖަހައިދީފައެވެ.

މި މެޗުގައި ބަޔާނުން ޖެހި ހަތަރުވަނަ ލަނޑު، އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ފްރާންސްގެ ޒުވާން ކުޅުންތެރިޔާ، މަތީސް ޓެލް އެވެ. އޭނާ ކުޅެން ނިކުތީ ކޭންގެ ބަދަލުގައެވެ.