32 ވަނަ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ ސިންގަލްސް ޗެމްޕިއަންކަން އިސްމާއިލް އަޒްމީން އާއި އާމިނަތު ވިޝާމާ ހޯދައިފިއެވެ.

މިއީ ގައުމީ މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން މި ދެ ކުޅުންތެރިން ހޯދި ދެވަނަ ފަހަރެވެ.

މި އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ފެށި ފުރަތަމަ ޑިވިޝަނުގެ ފިރިހެން އަދި އަންހެން ސިންގަލްސް އިވެންޓްގައި މުޅި ޖުމްލަ 30 ކުޅުންތެރިން ވާދަކޮށްފައިވެއެވެ.

ހުޅުމާލެ ކެރަމް އެރީނާގައި ރޭ ކުޅުނު އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ފައިނަލްގައި އަޒްމީން ވަނީ 25-8, 25-12 އިން ހަސަން ނާޒިމް (ނާނަ) ބަލިކޮށްފައެވެ. މި އިވެންޓްގެ ތިންވަނަ މަގާމު ހޯދީ އާދަމް އަދީލް އެވެ.

މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގައި ވިޝާމާ ވަނީ މިދިޔަ ފަސް އަހަރުގެ ޗެމްޕިއަން އައިމިނަތު ވިދާދް އަތުން 24-19, 17-15 އިން މޮޅުވެފައެވެ.

އަންހެން ސިންގަލްސް ތިންވަނަ މަގާމު ހޯދީ އައިޝަތު ފައިނާޒް އެވެ.