ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލްގައި ރޭ ކުޅުނު މެޗުން ސީދާ ތިން ސެޓުން ކްލަބް ވެމްކޯ ބަލިކޮށް، ސިޓީ ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ ސިޓީން ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، މިއީ އެ ޓީމުން މި މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރު ވެސް މެއެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ސިޓީން މި ސެޓު ކާމިޔާބުކުރީ 28-26 އިންނެވެ.

މި މެޗުގެ ދެވަނަ ސެޓުގައި މާބޮޑު ވާދަވެރިކަމެއްނެތި، ސިޓީން ކާމިޔާބުކުރީ 25-17 އިންނެވެ. އަދި އެއަށްފަހު، ދެން ކުޅެވުނު ތިންވަނަ ސެޓުން އެ ޓީމު ކުރިހޯދީ 25-22 އިންނެވެ.

މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތައް ޓްރޮފީއާއެކު. --ފޮޓޯ: ތީރު މީޑިއާ

ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމުދިންއިރު، މިފަހަރުގެ އެސޯސިއޭޝަން ކަޕްގެ ޑްރީމް ޓީމުގައި ހިމެނުނީ؛ ވެމްކޯގެ އަލީ ހުޒާމް (ހުޒާންޓެ)، ހުސެއިން ޔޫސުފް، އަހުމަދު ނަބީލް އާއި ސިޓީގެ އަހުމަދު ފާޒިލް، އަލީ ނިމާލްގެ އިތުރުން އާބަންކޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަދި އާދަމް ފައިރޫޒް އެވެ. 

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ސިޓީގެ ފާޒިލް ހޮވުނުއިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ އެ ޓީމުގެ ނޫރް މުޙައްމަދު އެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެސް ސިޓީގެ މުޙައްމަދު ޝަރަފް އެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ވެމްކޯ އިންނެވެ. ރަނަރަޕް މަގާމް ހާސިލްކުރީ ޕޮލިސް ކްލަބެވެ.