އެސްޓީއޯއިން ހުޅުމާލެ ސިޓީ ހޮސްޕިޓަލުގައި ޒަމާނީ ސްޓެރައިލް ޔުނިޓެއް ތަރައްގީ ކުރަން ނިންމައި، އެކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

ހޮސްޕިޓަލުތަކުގައި އާންމުކޮށް ބޭނުންކުރާ ގޯޒް، ކޮޓަން، ބޭސް އެޅުމަށް ބޭނުންކުރާ ތަކެތި ސާފުކޮށް ޖަރާސީމު ނައްތާލައި ސާފުކުރުމަށް ބޭނުންކުރާ މި ޔުނިޓު ތަރައްގީ ކުރުމުގެ އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލަށް އެންމެ ބޭނުންވާނެ ގޮތަށް ސީއެސްއެސްޑީ ސެޓަޕް ގާއިމްކޮށް އެ ޔުނިޓުގެ އިންޓީރިއާ މަސައްކަތްތަކާއި، އެތަނަށް ބޭނުންވާ އާލާތްތައް ގެނައުމާއި އިންސްޓޯލް ކޮށްދިނުމުގެ އިތުރުން ބޭނުންވާ ފަންނީ ތަމްރީނުތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓިއޯއިން ބުނެއެވެ.

އެ ކުންފުނިން ބުނީ މި ޔުނިޓްގައި ބޭނުންކުރާނީ ސްޕެއިންގެ މަގުބޫލު ބްރޭންޑެއް ކަމަށްވާ "މަޓަޗާނާ" ގެ އުފެއްދުންތައް ކަމަށާއި މި އުފެއްދުންތައް މިހާރު ވެސް ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުންކުރާ ކަމަށެވެ.

އިއްޔެ މި ވެވުނު އެއްބަސްވުމުގެ ދަށުން މި މަސައްކަތް ނިންމުމަށް އެސްޓީއޯއިން ކަނޑައަޅާފައިވަނީ 262 ދުވަހުގެ ތެރޭގައެވެ.

އެސްޓީއޯއިން ބުނީ ހުޅުމާލެ ހޮސްޕިޓަލަކީ ކުރިއަރަމުން އަންނަ، އަދި ބަލިމީހު ހިދުމަތް ހޯދާވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ހޮސްޕިޓަލެއް ކަމަށާއި އެ ހޮސްޕިޓަލުގައި ޒަމާނީ ފެންވަރުގެ ސީއެސްއެސްޑީ ޔުނިޓެއްގެ މުހިއްމުކަން ބޮޑުކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލަކީ މި ފަހަކަށް އައިސް ވަރަށްގިނަ މީހުން ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. ހުޅުމާލެ ފޭސް ދޭއް އާބާދު ވުމާއިއެކު އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށްބޮޑަށް އިތުރުވަމުން އައިސްފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.