އިންޑިއާގެ ތެލަންގަނާ ސްޓޭޓްގެ ނިޒާމްއާބާދުގައި އަންނަ އަންގާރަ ދުވަހު ފަށާ ޑެކަން ޕްރިމިއާ ކެރަމް ލީގު (ޑީޕީސީއެލް) އިން ރާއްޖޭގެ  ދެ ކެރަމް ކުޅުންތެރިއަކަށް ކުޅުމުގެ ފުރުޞަތު ލިބިއްޖެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ކެރަމް ކުޅުންތެރިއަކަށް ދުނިޔޭގެ ފެންވަރުގެ އޯޕަން މުބާރާތަކުން ފުރުޞަތު ލިބުނު ފުރަތަމަ ފަހަރެވެ.

މި އޮގަސްޓް މަހުގެ 23-26 އަށް ކުރިއަށްދާ ޑީޕީސީއެލް އިން ފުރުޞަތު ލިބިފައިވަނީ އިސްމާއިލް އަޒްމީން އާއި އިބްރާހިމް ހުޖާން އެވެ.

މިއީ މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ސިންގަލްސް އަދި ޓީމް އިވެންޓްގެ މެޗުތަކެވެ.

މި ފަހަރުގެ މުބާރާތުގައި 10 ޓީމަކުން ވާދަކުރާއިރު، އަޒްމީން ހިމެނެނީ އިންދޫރު ކެރަމް ކިންގްސް ޓީމުގައެވެ. އަދި ހުޖާން ކުޅޭނީ ސްޓީލް ސިޓީ ޓައިޓަންސް އަށެވެ. 

ޑީޕީސީއެލްގައި ވާދަކުރާ ރާއްޖޭގެ ދެ ކުޅުންތެރިންގެ ތެރެއިން، އަޒްމީން އަކީ މިދިޔަ ދެ އަހަރުގެ ގައުމީ ޗެމްޕިއަނެވެ. އަދި އޭނާ ވަނީ އެންމެ ފަހުން ބޭއްވުނު ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގެ ދުނިޔޭގެ ރޭންކިންގ 12 ވަނަ ހޯދާފައެވެ.

މި މުބާރާތުގައި ވާދަކުރާ ހުޖާން އަކީ އެންމެ ފަހުގެ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ގައުމީ ކެރަމް ޓީމުގެ ކެޕްޓަނެވެ. އޭނާ ވަނީ އެ މުބާރާތުގައި ދުނިޔޭގެ ރޭންކިންގެ 8 ވަނަ މަގާމް ހާސިލްކޮށްފައެވެ.

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ، ހުސެއިން ރައުޝާން ވިދާޅުވީ،  ރާއްޖޭގެ ދެ ކުޅުންތެރިންނަށް އިންޑިއާގައި ބާއްވާ ވަރުގަދަ ކެރަމް މުބާރާތަކުން ފުރުޞަތު ލިބިގެންދިއުމަކީ މުޅި ކެރަމް އާއިލާއަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެކެވެ. 

އަދި ކުރިއަށް އޮތް ތާނގާ މިފަދަ އިތުރު ފުރުޞަތުތައް ރާއްޖޭގެ ކުޅުންތެރިންނަށް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ޖެނެރަލް ސެކެޓްރީ ރައުޝާން ވިދާޅުވިއެވެ. 

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ދެ ކުޅުންތެރިންނާއެކު ޖެނެރަލް ސެކެޓްރީ ރައުޝާން މިވަގުތު ހުންނެވީ އިންޑިއާގެ ނިޒާމްއާބާދުގައެވެ.