ފްރާންސްގެ ރެނޭސް އަށް ކުޅެމުންއައި ބެލްޖިއަމްގެ ވިންގް، ޖެރެމީ ޑޮކޫ، އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ބަދަލުވެއްޖެއެވެ.
ޑޮކޫ، 21، ސިޓީ އަށް ބަދަލުވީ 55.5 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އެއް ގައެވެ. ސިޓީ އާއެކު އޭނާ ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ސިޓީ އަށް ބަދަލުވުމަށްފަހު ޑޮކޫ ވަނީ މިއީ ހުރިހާ ގޮތަކުން ވެސް އޭނާ އަށް ބޮޑު ދުވަހެއް ކަމަށް ބުނެފައެވެ. އަދި ސިޓީ އަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ކުލަބު ކަމަށާއި، އެ ކްލަބަށް ބަދަލުވެވުމުން އޭނާގެ އާއިލާ އަށާއި އޭނާ އަށް ވަރަށް ހާއްސަ އުފަލެއް ލިބިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
"އަހަރެންނަކީ ޒުވާން ކުޅުންތެރިއަކަށްވުމާއެކު އަދިވެސް ދަސްކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި. އެހެންކަމުން ޕެޕް (ގާޑިއޯލާ) ފަދަ ކޯޗަކާއެކު ސިޓީގައި އެތިބި ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިންގެ އެހީތެރިކަމާއެކު މިހާރަށްވުރެ މޮޅު ކުޅުންތެރިއަކަށް އަހަރެންނަށް ވެވޭނެ،" ޑޮކޫ ބުންޏެވެ.
2020 ވަނަ ރެނޭސް އަށް 22.2 މިލިއަން ޕައުންޑްގެ ފީ އަކަށް އެންޑަލެކްޓް އިން ބަދަލުވުމުގެ ކުރީން ޑޮކޫ ވަނީ އެ ކްލަބުގެ ޔޫތު ލެވެލްގައި އެކި އުމުރުފުރާގެ ޓީމުތަކަށް ކުޅެފައެވެ. އޭނާ ވަނީ މިދިޔަ ތިން ސީޒަނުގައި ފްރެންޗް ލީގުގައި ރެނޭސް އަށް 75 މެޗު ކުޅެ، 10 ލަނޑުޖަހައިފައެވެ. އަދި ބެލްޖިއަމްގެ ޖާޒީގައި މިހާތަނަށް 16 މެޗު ކުޅެފައެވެ.
ބެލްޖިއަމްގެ ގައުމީ ޓީމާއެކު އެންމެ ފަހުގެ ފީފާ ވޯލްޑް ކަޕާއި، 2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ޑޮކޫ، ސިޓީގައި ބޭނުންކުރާނީ 11 ނަންބަރު ޖާޒީ އެވެ.
ޑޮކޫ އަކީ ސިޓީން މި ފަހަރުގެ ސީޒަނަށް ގެނައި ތިންވަނަ ކުޅުންތެރިޔާ އެވެ. މީގެކުރީން، އެ ޓީމުން ވަނީ ކްރޮއޭޝިއާގެ ދެ ކުޅުންތެރިން ކަމަށްވާ މަޓެއޯ ކޮވެސިޗް އާއި ޖޮސްކޯ ވާޑިއޯލްގެ ސޮއި ހޯދާފައެވެ. މިދިޔަ ސީޒަނަށްފަހު ސިޓީ ދޫކޮށްލި ކުޅުންތެރިންގެ ތެރޭގައި އިލްކާއި ގޮންޑޮގާން އާއި ރިޔާދް މާރޭޒް ހިމެނެއެވެ.
