ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެ މުވައްޒަފުންނަށް މިރޭ އެވޯޑް ދީފިއެވެ.

މި ހަފްލާގައި އެވޯޑް ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ގެ އިތުރުން ބޯޑު ޑިރެކްޓަރުންނާއި ބޭންކުގެ އެގްޒެކްޓިވް މެނޭޖްމަންޓުގެ މެންބަރުންނެވެ.

އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑް ހުޒާތު ޢަލީ (ހެޑް އޮފް ކަސްޓަމަރ ޕޭމަންޓްސް އެންޑް ސެޓަލްމަންޓް) ހޯދާފައިވާއިރު، މާކެޓިންގ ޓީމާއި ބަދުރުއްދީން ޙަސަން (ހެޑް އޮފް ރީޓެއިލް ބޭންކިންގ އެންޑް ކާރޑްސް) ވަނީ ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް ހޯދާފައެވެ.  އަދި ފާތިމަތު ޙަލީމް (ހެޑް އޮފް އޮޕަރޭޝަނަލް އެކްސެލެންސް) ބެސްޓް ލީޑަރ އެވޯޑް ހޯދިއިރު މުޙައްމަދު ޝާޢިގް އަޙްމަދު (ކަސްޓަމަރ ސަރވިސް މެނޭޖަރ) ވަނީ ބޭސްޓް މެނޭޖަރ އެވޯޑް ހޯދާފައެވެ. 

މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްފައިވާ ފަރާތްތަކާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ދާއިރާތަކުން ވަނީ އެވޯޑް ދީފައެވެ. މީގެ ތެރެއިން ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް، ކަސްޓަމަރ ސަރވިސް ސްޓަރ އަދި އެވޯޑް ފޯ އިނޮވޭޝަން ހިމެނެއެވެ.  

މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ އެ ކުންފުނީގެ ސްޓްރެޓަޖީގައި އިސްކަންދޭ ތިން އަމާޒުކަމުގައިވާ ކަސްޓަމަރުންނަށް އިންސާފުން މުއާމަލާތް ކުރުމަށާއި ޑިޖިޓަލައިޒޭޝަނާއި ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރި ހިންގުމަށް މިވަނީ ގާބިލް، މަސައްކަތަށް އިސްކަންދޭ އަދި ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިދުމަތްދޭ މުވައްޒަފުންގެ ޓީމެއް ގާއިމްކުރެވިފައި ކަމަށެވެ. އަދި ބީއެމްއެލް އިން އަހުމިއްޔަތުކަމެއްދޭ އެއްކަމަކީ މުވައްޒަފުން ދެމެހެއްޓުމާއި ބޭންކަކީ މަސައްކަތްކުރަން އެންމެ ރަނގަޅު އެއް ތަނަށް ހެދުމަށް ކަމަށެވެ.

މީގެ އިތުރުން ފާއިތުވި އަހަރު މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެވޯޑް ހާސިލްކުރި ހުރިހާ މުވައްޒަފުންނަށް އޭނާ ވަނީ މަރުހަބާ ދަންނަވާފައެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ފަހުރުވެރި ދިވެހިންނެވެ. މީގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ރާއްޖޭގެ އެކި ރަށްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.