ރާއްޖެއަށް މިހާތަނަށް 1.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މި މަހުގެ 26 ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 1.2 މިލިއަން ފަހަނައަޅާފައެވެ. އަދި މިއީ ފައިބެއަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 14 އިންސައްތަ އިތުރުވުމެއް ކަމަށް ވެސް ތަފާސް ހިސާބުން ދައްކައެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ފައިބެއަހަރުގެ އޮގަސްޓްމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.06 މިލިއަން ފަތުރުވެރިންނެވެ. އަދި އޭގެކުރީ އަހަރުގެ މި މުއްދަތުގައި 737،361 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަށް ބަލާއިރު، ރަޝިއާ އިން 143،189 ފަތުރުވެރިން އައިސްފައިވާއިރު، އިންޑިއާ އިން ވަނީ 133،495 ފަތުރުވެރިން އައިސްފައެވެ. އަދި ޗައިނާ އިން 118،548، އިނގިރޭސިވިލާތުން 99،720 އަދި ޖަރުމަނުވިލާތުން 79،723 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

މީގެ އިތުރުން ޖުމްލަ ގޮތެއްގައި މިހާރު ދުވާލަކު ރާއްޖެއަށް 5،095 ފަތުރުވެރިން ރާއްޖެއަށް އާދެއެވެ.  އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން 7.7 ދުވަހު މަޑުކުރާ ކަމަށް ވެސް ދައްކައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖޭގައި 172 ރިސޯޓް ހިންގަމުން އަންނައިރު، މިއީ 41،713 އެނދެވެ. ގެސްޓްހައުސްގެ ގޮތުގައި 912 ތަން އޮޕަރޭޓްކުރަމުން އާދެއެވެ. އަދި މި ގެސްޓްހައުސްތަކުގައި ޖުމްލަ 14،948 އެނދު އެބަހުއްޓެވެ.