ދިވެހިން އާންމުގޮތެއްގައި ބޭސްފަރުވާއަށް ގޮސް އުޅޭ އިންޑިއާގެ ކެރެލާ ސަރަހައްދުން 48،015 ސާމްޕަލް ފާއިތުވީ 24 ގަޑިއިރު ތެރޭގައި ޓެސްޓު ކުރެވިފައިވާކަމަށާއި 5149 އާ ކޯވިޑް-19 ކޭސް ފެނިފައިވާކަމަށް ކެރެލާގެ ތިރުވަނަންތާޕޫރަމް އިން ޗީފް މިނިސްޓަރު ޕިނަރާއީ ވިޖެޔަން ހާމަކުރައްވައިފިއެވެ. މިއަދަދާއިއެކު ކެރެލާއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 56،269 ކަށް އަރާފައެވެ. މިދިޔަ ހަފްތާގައި ކެރެލާއިން ކޯވިޑް-19 އާއި ގުޅިގެން 27 މަރު ރިޕޯރޓް ކޮށްފައިވާއިރު މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 2049 އަކަށް އަރާފައެވެ.

ކެރެލާގައި ކޯވިޑް-19 ކޭސްތައް އެންމެ ގިނައިން ފެނިފައިވަނީ މައްލަޕޫރަމް ސަރަހައްދުންނެވެ. އެއަވަށުން ޖުމްލަ 796 މީހުން ޕޮޒިޓިވްވެފައި ވާއިރު، ތްރިސޫރް ގައި 543، އެރްނަކުލަމް އިން 494، އޮޒިކޮޑޭ އިން 612، ޕަލަކަޑް އިން 468، އަލަޕުޒާ އިން 433، ކޮޓަޔަމް އިން 355، ކޯލަމް އިން 314، ކަންނޫރް އިން 233، އިޑުކީ އިން 220، ޕަތަނަމްތިއްޓާ އިން 169 ، ވަޔަނާޑް އިން 153، ކަސަރގޯދް އިން 8 އަދި ދިވެހިން އާންމުކޮށް ގޮސްއުޅޭ ތްރުވަނަންތާޕޫރާމް އިން 383 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

ކެރެލާގެ ސިއްހީ ހިދުމަތް ތެރެންގެ ތެރެއިން 52 ހެލްތުވޯކަރުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށާއި މިބަލިން މިހަފްތާ ތެރޭގައި އެސްޓޭޓުން 5149 މީހަކު ރަނގަޅުވެފައިވާކަމަށް ވަނީ ހިންދޫ ޓައިމްސްގައި ރިޕޯރޓް ކޮށްފައެވެ.

ކެރެލާގެ ޓްރިވެންޑްރަމްގައި މިވަގުތު ކަރަންޓީންގައި ތިބީ  1696 މީހުން ކަމަށާއި، ކޯވިޑް-19 އާއި ގުޅޭ އެކި އަލާމާތް ތައްފެނިގެން އޮބްޒަރވޭޝަންގައި 26511 މީހުން އެބަތިބިކަމަށް ވަނީ ރިޕޯރޓް ކޮށްފައެވެ. މީގެއިތުރުން ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ހިލާފުވުމުން 56 މީހަކަށް ފުލުހުން ފިޔަވަޅުއަޅާފައިވާ ކަމަށާއި މާސްކް ބޭނުންނުކޮށް ގައިދުރު ނުވެ އުޅުނު 24 މީހުން 15000 އިންޑިއާ ރުފިޔާއިން ޖޫރިމަނާ ކުރެވުނު ކަމަށް ވަނީ ހާމަކޮށްފައެވެ.