މިފަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން ރޭ ބޭއްވިއިރު މުބާރާތުގެ ކުރީގެ ދެ ޗެމްޕިއަނުން ކަމަށްވާ ބަޔާން މިއުނިކާއި، މެންޗެސްޓާ ޔުނައިޓެޑުން އެއް ގްރޫޕަކަށް ލައްވާލިއިރު، ޕީއެސްޖީ އާއި ނިއުކާސަލް ޔުނައިޓެޑް ހިމެނުނީ މަރުގެ ގްރޫޕްގައެވެ.
ޔުނައިޓެޑާއި ބަޔާންގެ އިތުރުން ގްރޫޕް އޭ ގައި ދެން އޮތީ ތުރުކީގެ ގަލަތަސަރާއި ޑެންމާކްގެ އެފްސީ ކޯޕަންހޭގަން އެވެ.
މިއީ 2013/14 ވަނަ އަހަރުގެ ސީޒަނުގެ ކުއާޓާ ފައިނަލްގައި ޔުނައިޓެޑާއި ބަޔާން ބައްދަލުކުރި ފަހުން ޔޫރަޕްގެ ބޮޑު މުބާރާތެއްގައި މި ދެ ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. އެފަހަރުގެ މެޗުން 4-2 އިން ބަޔާން މޮޅުވިއިރު، މި ދެ ޓީމުގެ ކުރިމަތިލުންތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެގެންގޮސްފައިވަނީ 1999 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ބަޔާންގެ މައްޗަށް ޔުނައިޓެޑުން ހޯދީ މޮޅެވެ.
މޮންޓެ ކާލޯގައި ހުންނަ ގްރިމަލްޑީ ފޯރަމްގައި ރޭ ބޭއްވުނު ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ގްރޫޕް އެފް އަށެވެ. ގިނަ ބަޔަކު އެއްބަސްވާގޮތުގައި ޕީއެސްޖީ އާއި ނިއުކާސަލްގެ އިތުރުން އިޓަލީގެ އޭސީ މިލާން އާއި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ހިމެނިފައިވާ މި ގްރޫޕަކީ 'ގްރޫޕް އޮފް ޑެތު' ނުވަތަ މަރުގެ ގްރޫޕެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ހިމެނުނީ ނިސްބަތުން ފަސޭހަވާނެ ކަމަށް ބެލެވޭ ގްރޫޕެއްގައެވެ. ގްރޫޕް ޖީ ގައި ދެން އޮތީ އާރްބީ ލީޕްޒިގާއި ރެޑް ސްޓާ ބެލްގްރޭޑް އަދި ސްވިޒަލެންޑްގެ ޔަންގް ބޯއީސް އެވެ.
ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ޗެމްޕިއަންސް ލީގުގައި ވާދަކުރާ އާސެނަލް ލައްވާލީ ގްރޫޕް ބީ ގައެވެ. މި ގްރޫޕުގައި ދެން އޮތީ އެންމެ ފަހުގެ ޔުރޮޕާ ލީގުގެ ޗެމްޕިއަން ސެވިއްޔާ އާއި ހޮލެންޑްގެ ޕީއެސްވީ އަދި ފްރާންސްގެ ލޯންސް އެވެ.
ޗެމްޕިއަންސް ލީގުގެ ތާރީޚު ދުށް އެންމެ ކާމިޔާބު ޓީމު ކަމަށްވާ، ސްޕެއިނުގެ ރެއާލް މެޑްރިޑް ހިމެނުނީ ގްރޫޕް ސީ ގައެވެ. މި ގްރޫޕްގައި ދެން އޮތީ އިޓަލީގެ އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ އާއި ޕޯޗުގަލްގެ ސްޕޯޓިން ބްރާގާ އަދި ޖަރުމަނުގެ ޔޫނިއަން ބާލިން އެވެ.
