ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަހަރު ކުރިއަށްގެންދިޔަ ކެރަމް ފެސްޓިވަލްގެ އިނާމުދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި އަހަރުގެ ޖުލައި މަހުގެ 30 އިން އޮގަސްޓް 20 ގެ ނިޔަލަށް ކުރިއަށްދިޔަ ކެރަމް ފެސްޓިވަލްގައި އިންޓަ އޮފީސް ކެރަމް މުބާރާތާއި، 32 ވަނަ ގައުމީ ކެރަމް މުބާރާތުގެ ކުޅުން ވަނީ ކުރިއަށްގެންގޮސްފައެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް އެރީނާގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އިންޓަ އޮފީސް ކެރަމް މުބާރާތާއި، ގައުމީ ކެރަމް މުބާރާތުން ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ހަނދާނީ ލިޔުމާއި، މެޑަލް އާއި ޓްރޮފީ އަދި ފައިސާގެ އިނާމު ވެސް ދީފައިވެއެވެ. މީގެއިތުރުން، އެންމެ ފަހުން ސީއޭއެމް އިން ކުރިއަށްގެންދިޔަ ބޭސިކް އަމްޕަޔަރުންގެ ކޯސް ފުރިހަމަކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ދީފައިވެއެވެ.
މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކޯޕަރޭޓް އެފެއާޒްގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް ހަސަން އަރީފް އެވެ.
ރޭގެ ރަސްމިއްޔާތުގައި ރަންވަނަތައް ހާސިލްކުރީ ފަރާތްތަކަށް ބަލައިލާއިރު، މި ފަހަރުގެ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އިސްމާއިލް އަޒްމީން އެވެ. އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އާމިނަތު ވިޝާމާ އެވެ. މިއީ އަޒްމީން އާއި ވިޝާމާ ވެސް މި މުބާރާތުގެ ސިންގަލްސް އިވެންޓް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މި ދެ ކުޅުންތެރިންނަށް ފައިސާގެ އިނާމުގެ ގޮތުގައި 8،000ރ. ދީފައިވާއިރު، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރު ކަމަށްވާ، ދިރާގުން ވަނީ މިއިން ކޮންމެ ކުޅުންތެރިއަކަށް 100 އެމްބީޕީއެސްގެ ފައިބާ ކަނެކްޝަނެއް ތިން މަސް ދުވަހަށް ހިލޭ ލިބޭ ވައުޗަރ އެއް ދީފައެވެ.
މިފަހަރުގެ ގައުމީ މުބާރާތުގެ ފިރިހެން ޓީމް އިވެންޓްގެ ޗެމްޕިއަންކަން ތުޅާދޫ ޔަންގް އީގަލް ހޯދިއިރު، އަންހެން ޓީމް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ އައިލެންޑާސް ހޯޕް އެސްސީ އެވެ. މިއީ މި މުބާރާތުގައި މި ދެ ޓީމުން ވެސް ވާދަކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަންޖެހެއެވެ. މި ދެ ޓީމަށް ވެސް ޗެމްޕިއަންކަން ލިބުމުން ފައިސާގެ އިނާމުގެ ގޮތުގައި 12،000ރ. ދީފައިވެއެވެ.
މިއަހަރުގެ ކެރަމް ފެސްޓިވަލްގައި ހިމެނުނު އިންޓަ އޮފީސް ކެރަމް މުބާރާތުގެ ރަންވަނަތައް ހޯދީ ފަރާތްތަކަށް ބަލައިލާއިރު، ފިރިހެން އަދި އަންހެން ޓީމް އިވެންޓްގެ ފަޚުރުވެރި ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ. މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އެމްއޭސީއެލްގެ ޚާތިމް ޚަލީލް އެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފާތިމަތު ޔުމްނާ އެވެ.
މީގެއިތުރުން، ކެރަމް ފެސްޓިވަލްގައި ހިމެނުނު ގައުމީ މުބާރާތާއި، އިންޓަ އޮފީސް ކެރަމް މުބާރާތުގެ އެންމެ މޮޅު އަމްޕަޔަރުންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ދީފައިވާއިރު، މި ދެ މުބާރާތް އިންސާފުކޮށްދެއްވި ޗީފް އަމްޕަޔަރުންނަށް ވެސް ހަނދާނީ ލިޔުން ދީފައިވެއެވެ. އަދި، މި ފަހަރުގެ ކެރަމް ފެސްޓިވަލްގައި ހިމެނުނު ދެ މުބާރާތަށް އެހީތެރިކަން ފޯރުކޮށްދިން ޕާޓްނަރުންނަށް ވެސް ހަނދާނީ ފިލާ ހަވާލުކޮށްފައިވެއެވެ.
