އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި މިހާރު ކުރިއަށްދާ ޓޭބަލް ޓެނިސް ސިންގަލްސް އިވެންޓްގެ ރަން މެޑަލް ރާއްޖޭގެ ފާތިމަތު ދީމާ އަލީ ދިފާއުކޮށްފިއެވެ.

މިދިޔަ މަހުގެ 25 އިން މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބައިވެރިވާ މި ގޭމްސްގައި މިއަދު ކުޅުނު ޓޭބަލް ޓެނިސް އަންހެން ސިންގަލްސް ފައިނަލްގައި ދީމާ ވަނީ އައިޝަތު ރަފާ ނާޒިމް ބަލިކޮށްފައެވެ.

މިރޭ ކުޅުނު ޓީޓީ އަންހެން ސިންގަލްސް ފައިނަލްގައި ދީމާ ވަނީ ރަފާ އަތުން 4-2 ސެޓުން މޮޅުވެފައެވެ.

މި މެޗުގެ ފުރަތަމަ ސެޓު 11-2 އިން ރަފާ ގެންގޮސްފައިވަނިކޮށް ދީމާ ވަނީ ދެން ޖެހިގެންއައި ތިން ސެޓު 14-12، 11-09، އަދި 11-07 އިން ކާމިޔާބުކޮށްފައެވެ.

ފައިނަލް މެޗުގައި ޕޮއިންޓެއް ހޯދުމަށްފަހު ދީމާ އުފާ ފާޅުކުރަނީ. --ފޮޓޯ: ރާއިފް ޔޫސުފް / އެމްއޯސީ

ނަމަވެސް ދެން ޖެހިގެންއައި ފަސްވަނަ ސެޓު ރަފާ ގެންދިޔައީ 11-08 އިންނެވެ. އެއަށްފަހު ދެން ޖެހިގެންއައި ސެޓު 11-08 އިން ކާމިޔާބުކޮށް، ދީމާ ވަނީ ރަން މެޑަލް ދިފާއުކޮށްފައެވެ. މިދިޔަ ފަހަރުގެ އަންހެން ސިންގަލްސް ރަން މެޑަލް ދީމާ ހާސިލްކުރީ ވެސް ފައިނަލްގައި ރަފާ ބަލިކޮށްގެންނެވެ.

މިއީ މިފަހަރުގެ އައިއޯއައިޖީގައި ދީމާ ހާސިލްކުރި ތިން ވަނަ ރަން މެޑައްޔެވެ. އޭނާ ވަނީ އަންހެން ސިންގަލްސް، އަންހެން ޑަބަލްސް އަދި އަންހެން ޓީމު އިވެންޓުގެ ރަން މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން، މިކްސް ޑަބަލްސް ލޯ މެޑަލް ހޯދީ ވެސް ދީމާ އެވެ.

އަންހެން ސިންގަލްސް ފައިނަލްގައި ބަލިވިނަމަވެސް، ރަފާ ވަނީ މި ފަހަރުގެ ގޭމްސްގައި ތިން ރަން މެޑަލް ހޯދައިފައެވެ. އެއީ ދީމާ އާއެކު ހޯދި އަންހެން ޑަބަލްސް ރަން މެޑައްޔާއި، ޓީމް އިވެންޓްގެ ރަން މެޑަލްގެ އިތުރުން މޫސާ މުންސިފް އާއެކު ހޯދީ މިކްސް ޑަބަލްސް އިވެންޓްގެ ރަން މެޑެއްޔެވެ. ދެން ރަފާ އަށް ލިބިފައިވަނީ މިއަދުގެ ފައިނަލްގައި ބަލިވުމުން ލިބުނު ރިހި މެޑަލް އެވެ.