އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި މިހާރު ކުރިއަށްދާ ބެޑްމިންޓަން ޑަބަލްސް އިވެންޓްގެ ފައިނަލުން ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ) އާއި އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) ޖާގަ ހޯދައިފިއެވެ.

މިހާރު މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބައިވެރިވާ މި ގޭމްސްގެ ބެޑްމިންޓަން ޑަބަލްސް ފައިނަލުން ނަބާ އާއި ނަބީ ޖާގަ ހޯދީ މިއަދު ކުޅުނު ސެމީ ފައިނަލްގައި މޮރީޝަސްގެ ވިލީނާ އަޕިއާ އާއި ޓިޔާ ބުރުތުންގެ ޕެއާ ބަލިކޮށްގެންނެވެ.

އަންހެން ޑަބަލްސް ސެމީގައި ނަބާ އާއި ނަބީގެ ޕެއާ ވަނީ 21-11، 21-16 އިން މޮރީޝަސްގެ ޕެއާ ބަލިކޮށްފައެވެ.

މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ސެމީގައި ނަބާ ވަނީ މޮރީޝަސްގެ ލޯނާ ބޮދާ ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ނަބާ ގެންދިޔައީ 21-08، 21-11 އިންނެވެ.

މުބާރާތުގެ މެޗެއްގައި ޕޮއިންޓެއް ހޯދުމަށްފަހު ނިބާލް އުފާ ފާޅުކުރަނީ. --ފޮޓޯ: ރާއިފް ޔޫސުފް / އެމްއޯސީ

މި އިވެންޓްގެ އަނެއް ސެމީގައި ނަބީ ވަނީ މޮރީޝަސްގެ ޖެސިކާ ލުޑިކް އަތުން 2-1 ސެޓުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ޖެސިކާ ގެންދިޔައީ 13-21، 21-14، އަދި 21-18 އިންނެވެ.

ފިރިހެން ސިންގަލްސް ސެމީގައި ރާއްޖޭން ވާދަކުރި އަހުމަދު ނިބާލް ވަނީ މޮރީޝަސްގެ ޖޫލިއަން ޕޯލް އަތުން 13-21، 08-21 އިން ބަލިވެފައެވެ. 

މިކްސް ޑަބަލްސް އިވެންޓްގެ ސެމީގައި ރާއްޖޭގެ އެއްވަނަ ޕެއާ ކަމަށްވާ، ހުސައިން ޒަޔާން ޝަހީދު ޒަކީ އާއި ނަބާ ވަނީ 18-21، 16-21 އިން މޮރީޝަސްގެ ޖޫލިއަން ޕޯލް އާއި ޖެސިކާ ލުޑިކްގެ ޕެއާ އަތުން ބަލިވެފައެވެ.

ބެޑްމިންޓަންގެ އިންޑިވިޖުއަލް އަދި ޑަބަލްސް އިވެންޓްތަކުގެ ފައިނަލް މެޗުތައް މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު، ސިންގަލްސް ފައިނަލްގައި ނަބާ ނިކުންނާނީ މޮރީޝަސްގެ ޖެސިކާ ލުޑިކްއާ ދެކޮޅަށެވެ. އަދި އަންހެން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ނަބާ-ނަބީގެ ޕެއާ ބައްދަލުކުރާނީ މޮރީޝަސްގެ ލޯނާ ބޮދާ އާއި ކޮބީޓާ ޑޫކީގެ ޕެއާ އާ އެވެ.