އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ބެޑްމިންޓަން އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ) އާއި އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) ރަން މެޑަލް ހާސިލްކޮށްފިއެވެ.

މިހާރު މަޑަގަސްކަރަ ގައި ކުރިއަށްދާ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބައިވެރިވާ މި ގޭމްސްގައި ބެޑްމިންޓަން އަންހެން ޑަބަލްސް އިވެންޓްގެ ފައިނަލްގައި ނަބާ އާއި ނަބީ ވަނީ މޮރީޝަސްގެ ޑަބަލްސް ޕެއާ ބަލިކޮށްފައެވެ.

ފައިނަލްގައި ނަބާ-ނަބީ ވަނީ 21-14، 21-15 އިން މޮރީޝަސްގެ ލޯނާ ބޮދާ އާއި ކޮބީޓާ ޑޫކީގެ ޕެއާ ބަލިކޮށްފައެވެ.

އަންހެން ސިންގަލްސް އިވެންޓްގެ ފައިނަލްގައި މޮރީޝަސްގެ ޖެސިކާ ލޫޑިކް އަތުން ބަލިވެ، ނަބާ އަށް ލިބުނީ ރިހި މެޑަލް އެވެ. މި މެޗުން ޖެސިކާ މޮޅުވީ 21-13، 21-19 އިންނެވެ. މި އިވެންޓްގެ ލޯ މެޑަލް ލިބުނީ ނަބީ އަށެވެ.

މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓްގެ ސެމީގައި ބަލިވުމުން ރާއްޖޭގެ އެއްވަނަ ޕެއާ، ހުސައިން ޒަޔާން ޝަހީދު ޒަކީ އާއި ނަބާ އަށް ވަނީ ލޯ މެޑަލް ލިބިފައެވެ. 

މީގެއިތުރުން، ފިރިހެން ސިންގަލްސް އިވެންޓްގެ ސެމީ ފައިނަލުން ބަލިވުމުން ރާއްޖޭގެ އަހުމަދު ނިބާލް އަށް ވެސް ލިބުނީ ލޯ މެޑެއްޔެވެ.

މި ފަހަރުގެ އައިއޯއައިޖީގައި ގައުމީ އަންހެން އަދި ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ ޓީމް އިވެންޓްގައި ރިހި މެޑަލް ހާސިލްކޮށްފައެވެ.