އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި އެތުލެޓިކްސްގެ 4 ގުނަ 400 މީޓަރު ދުވުމުގެ ރިލޭގައި ވާދަކުރި ރާއްޖޭގެ އަންހެން ޓީމުން ލޯ މެޑަލް ހާސިލްކޮށްފިއެވެ.

މިއީ ރާއްޖޭގެ އެތުލެޓިކްސްގެ ތާރީޚުގައި އަންހެން ރިލޭ ޓީމުން ހާސިލްކުރި ދެވަނަ މެޑެއްޔެވެ. މީގެކުރީން، ރާއްޖޭގެ އަންހެން ރިލޭ ޓީމުން ވަނީ 4 ގުނަ 100 މީޓަރު ދުވުމުގައި ވެސް ލޯ މެޑަލް ހޯދާފައެވެ.

މިހާރު މަޑަގަސްކަރަ ގައި ކުރިއަށްދާ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބައިވެރިވާ މި ގޭމްސްގައި ވާދަކުރި އެތުލެޓިކްސްގެ 4 ގުނަ 400 މީޓަރު ދުވުމުގެ ރިލޭ އިވެންޓުން ރާއްޖެ އަށް މެޑަލް ހޯދައިދިން އަންހެން ޓީމުގައި ހިމެނެނީ؛ އައިޝަތު ހިމްނާ ހަސަން، ހައްވާ މުޒްނާ ފާއިޒް، އާމިނަތު ލަޔާނާ މުޙައްމަދު އަދި ޒީވާ މޫސާ ޝަފީޢު އެވެ.

މި އިވެންޓްގެ ފައިނަލްގައި ރާއްޖޭގެ އަންހެން ރިލޭ ޓީމުން ރޭސް ނިންމީ 3:52.99 ސިކުންތުންނެވެ. އެއްވަނަ ހޯދީ 3:45.78 ސިކުންތުން ރޭސް ނިންމައިގެން މަޑަގަސްކަރަ އެވެ. ދެވަނަ އަށް ދިޔައީ 3:52.76 ސިކުންތުން ރޭސް ނިންމައިގެން މޮރީޝަސް އެވެ. ރާއްޖެ ތިންވަނަ އަށް ދިޔައީ ރީޔޫނިއަން އާއި ސީޝެލްސް ފަހަތަށް ޖައްސާލުމަށްފަހު އެވެ.

ގޭމްސްގައި މިއަދު ކުރިއަށްދިޔަ އެތުލެޓިކްސްގެ އެހެން އިވެންޓްތަކުގެ ނަތީޖާ އަށް ބަލާއިރު، 800 މީޓަރު ދުވުމުގެ ފިރިހެނުންގެ ފައިނަލްގައި ވާދަކޮށް ހުސައިން ރިޒާ ރޭސް ނިންމީ 1:54.30 ސިކުންތުންނެވެ. މި ރޭހުގައި ވާދަކުރި ރާއްޖޭގެ ދިގު ދުވުމުގެ އެންމެ ފާހަގަކޮށްލެވޭ ދުވުންތެރިޔާ، ހުސައިން ފަޒީލް ހާރޫން ދިޔައީ ހަވަނަ އަށެވެ. ފަޒީލް ރޭސް ނިންމީ 1:56.12 ސިކުންތުންނެވެ.

އަންހެނުންގެ 800 މީޓަރު ދުވުމުގައި ވާދަކުރި ރާއްޖޭގެ ފަސުހާ އަހުމަދު އަށް ރޭސް ނިންމުނީ ނުވަ ވަނައިގައެވެ. އޭނާ ރޭސް ނިންމީ 2:27.89 ސިކުންތުންނެވެ.

މިއީ މި ފަހަރުގެ އައިއޯއައިޖީގައި އެތުލެޓިކްސް އިން ހޯދީ ފަސްވަނަ މެޑެއްޔެވެ. އެއީ މުޅިންވެސް ލޯ މެޑެއްޔެވެ.