އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީ ތަފާތު މީހެކެވެ. އެމީހެއްގެ ގިސްމު ނުވަތަ ހަށިގަނޑު އުފެދުމުގައި ތަފާތު މީހެކެވެ. އުޅުމާއި ގުޅުން ތަފާތު މީހެކެވެ. ވިސްނުމާ ހިޔާލާއި ނަފްސާނީ ގާބިލުކަންވެސް ތަފާތު ބައެކެވެ. އެނެންކަމުން މި ތަފާތު ތަކާއި އެކު ބައެއް މީހުންނީ ބައެއްކަހަލަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު މީހުންނެވެ. އެގޮތުން ލޭމައްޗަށް ދިއުމުގެ ފުރުޞަތު ބޮޑު ބައެއް މީހުންނަކީ ކޮބައިކަން ބަލާލާނަމެވެ.

ލޭމައްޗަށް ދިއުމަކީ އަހަރެމެންގެ ތެރޭގައި މިއަދު ވަރަށް އާއްމު ކަމެކެވެ. މި ބަލިޖެހުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ހިމެނެއެވެ. ދުންފަތުގެ ސަބަބުން ލޭމައްޗަށް ދިއުމަށް މަގުފަހިކުރުވައެވެ. ދުންފަތުން ކުރާ އަސަރު، ކުރުމުގައި ދިގު މުއްދަތެއް ހޭދަވާނެއެވެ. އިންސާނާއަށް އެކަން އިހުސާސް ނުކުރެވިދާނެއެވެ. ގިނަ މީހުންނަށް މިކަން ގަބޫލުނުކުރެވެނީވެސް އެހެންވެ ކަމަށް ވެދާނެއެވެ. ނަމަވެސް ހޯދުންތަކާއި ދިރާސާތައް މިކަމަށް ހެކިދެއެވެ.

އުމުރުން ދޮށި ވުމަކީވެސް ލޭމައްޗަށް ދިއުމަށް މަގުފަހި ކުރުވާ ކަމެކެވެ. އެހެންކަމުން ދޮށީ އުމުރުގެ މީހުންނަކީ ލޭމައްޗަށް ދިއުމުގެ ބިރު ބޮޑު ބައެކެވެ. އެހެނީ އެމީހުންގެ ހަށިގަނޑުގެ ބަލިކަށި ކަމުންނާއި ގުނަވަންތަކުގެ "ދޮށި" ކަމުންނެވެ.

ބައެއް ބަލިބައްޔަކީ އާއިލީގޮތުން ވާރުތަ ކުރާ ބަލިބައްޔެވެ. އެގޮތުން ލޭމައްޗަށް ދިއުމަކީވެސް އާއިލީ ގޮތުން ވާރުތަ ކޮށްފާނެ ބައްޔެއްކަމަށް ދިރާސާވެރިން ދެކިލައްވައެވެ. އެހެންކަމުން ތިމާގެ އާއިލާގައި ލޭމައްޗަށްދާ މީހަކު ހުރިނަމަ، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ. އެހެނީ އޭރުން ތިބާވެސް ހިމެނިގެން އެދަނީ ލޭމައްޗަށްދިއުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައި ކަމަށްވާތީއެވެ.

އިންސާނާގެ ހަށިގަނޑު ބޮޑުކޮށް ނުވަތަ ފަލަކޮށް ހުންނަ ހުރުމަކީވެސް ހަށިގަނޑުގެ ގުނަވަންތަކަށް ލޭ ފޮނުވައިދިނުމަށް އިތުރު ބާރުތަކެއް ލާނެއެވެ. އޭގެ ސަބަބުން ލޭގެ ޕުރެސަރު މަތިވުމަށް މަގުފަހިވެއެވެ. އެހެންކަމުން، "ފަލަ" ވުމަކީވެސް ލޭމައްޗަށް ދިއުމުގެ ފުރުސަތު އިތުރުކުރުވާ ކަމެކެވެ. ކެއުމުގައި ލޮނުގެ ބާވަތްތައް ގިނައިން ބޭނުން ކުރެވުމަކީ ހަށިގަނޑުގައި ދައުރުވާލޭގެ "ވޮލިއުމް"އިތުރުވާނޭ ކަމެ ކެވެ. ނަތީޖާއަކަށް ވަނީ ހިތުން ލޭފޮނުވައިދޭން އިތުރު ބާރުތަކެއް ލާންޖެހުމެވެ އެހެންކަމުން ކެއުމުގައި ލޮނުގެ ބައި ގިނައިން ބޭނުންކުރެވޭ މީހުން މި ލިސްޓުން އުނިކުރެވޭކަށްނެތެވެ .ހެލުފެލިވެ ނޫޅުމާއި ހަރަކާތްތެރިވުން މަދު މީހުންނަކީވެސް މި ބަލީގެ ބިރުބޮޑު ބައެކެވެ. ހާސްކަމާއި ނުތަވަސްކަމުގައި އުޅެންޖެހިފައިވާ މީހުންވެސް މި ލިސްޓުގައި ހިމެނެއެވެ.

މިހުރިހާ ކަންކަމާއި މީހުންނަކީ ލޭމައްޗަށް ގޮސްދާނޭ ކަމުގެ ބިރު ބޮޑުމީހުންނެވެ. އެހެންކަމުން މިހުރިހާ ފަރާތްތަކެއްވެސް މިކަމުގައި ހާއްސަ ސަމާލުކަމެއް ދިނުން ވަރަށްވެސް މުހިންމެވެ. އެހެނީ ލޭމައްޗަށްދިއުމަކީ އޭގެ ނުރައްކާ ބޮޑު ބައްޔެކެވެ. އަދި އެއީ ފަރުވާ ނުކުރެވި އަޅާނުލާ ދޫކޮށްލެވިއްޖެނަމަ ފުރާނައަށް ނުރައްކާ ކުރުވާފަދަ ބިރުވެރި ބައްޔެކެވެ.