ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ހާސިލްކޮށްފައިވާ އެތުލީޓުން އައިއޯއައިޖީ 2023 ގައި ހޯދި ކާމިޔާބީ ފާހަގަ ކުރުމަށާއި މަރުހަބާ ކިޔުމަށް ބީއެމްއެލް އިން މިއަދު ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ އައިއޯއައިޖީ ގައި ހޯދި ފަހުރުވެރި ކާމިޔާބަށް ހުރިހާ އެތުލީޓުންނަށް ވެސް މަރުހަބާ ކިޔުއްވާ ކަމަށާއި މިއީ އެތްލީޓުންނަށާއި ރާއްޖެއަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ކަމަށެވެ. އަދި ސްޕޯޓްސް ސްކޮލާޝިޕް އެހީގައި ހޯދި ކާމިޔާބުގެ ބައިވެރިވުމަކީ ބޭންކަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ހުޅުވާލެވުނީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުންނެވެ.
މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕަރފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފޯރުކޮށްދެވިގެންދިޔައެވެ. ސްޕޯޓްސް ސްކޮލާޝިޕް އަށް ހޮވުނު އެތުލީޓުންގެ ތެރެއިން 6 އެތުލީޓަކު ވަނީ އައިއޯއައިޖީ ގައި ދިވެހިރާއްޖެ ތަމްސީލްކޮށްފައެވެ.
ސްކޮލަރޝިޕް އެތުލީޓުންގެ ތެރެއިން ރާއްޖެއަށް މެޑަލް ހޯދައިދިން އެތުލީޓުންނަކީ މޫސާ މުންސިފް އަހްމަދު ( ޓޭބަލް ޓެނިސް) - މިކްސް ޑަބަލްސް (ރަން މެޑަލް) ، މެންސް ޑަބަލްސް (ރިހި މެޑަލް)، އަދި މެންސް ޓީމް އިވެންޓް (ރިހި މެޑަލް) ، ފާތިމަތު ޖުމާނާ ނިމާލް ( ޓޭބަލް ޓެނިސް) - ވިމެންސް ޓީމް އިވެންޓް (ރަން މެޑަލް)، މަރިޔަމް ރުއުޔާ އަލީ (އެތުލެޓިކްސް) - ވިމެންސް 100×4 ރިލޭ (ލޯ މެޑަލް) އަދި ޝުބާ މުހައްމަދު ޝަރީފް (ބެޑްމިންޓަން) - ވިމެންސް ޓީމް އިވެންޓް (ރިހި މެޑަލް) އެވެ.
