މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލްގައި އެމެރިކާގެ ޓޭލާ ފްރިޓްޒް ސީދާ ތިން ސެޓުން ބަލިކޮށް، ސާބިއާގެ ނޮވަކް ޖޮކޮވިޗް، އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ފައިނަލަށް ޖޮކޮވިޗް ދަތުރުކުރި 47 ވަނަ ފަހަރެވެ. މީގެކުރީން، މި ރެކޯޑް އޮތީ ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ އަތުގައެވެ. މީގެއިތުރުން، ޖޮކޮވިޗް ވަނީ 24 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށްގެން މާގްރެޓް ކޯޓް ހަދާފައިވާ ރެކޯޑާ އެއްވަރުކުރަން ދެ މެޗާއި ގާތަށް ޖެހިލާފައެވެ.
އާތަރ އޭޝް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޖޮކޮވިޗް ވަނީ 6-1، 6-4، އަދި 6-4 އިން މޮޅުވެފައެވެ.
"އެއީ އާދައިގެ ކަމެއް، ގިނަ ބަޔަކު ހޯމް ކުޅުންތެރިޔާއަށް ސަޕޯޓް ކުރާނެ ކަމަށް އުންމީދު ކުރުމަކީ ލޮޖިކަލް ކަމެއް،"
"ހުކުރު ދުވަހު އެކަން ވާނީ ކަންނޭނގެ، އެކަމަކު އަހަރެން ހުންނާނީ އެކަމަށް ތައްޔާރަށް." މުބާރާތުގައި ޖެހިޖެހިގެން ދެ މެޗުގައި އެމެރިކާގެ ކުޅުންތެރިއަކާ ދެކޮޅަށް ނިކުންނަންޖެހުމާ ގުޅޭގޮތުން ޖޮކޮވިޗް ބުންޏެވެ.
މުބާރާތުގެ ސެމީގައި ޖޮކޮވިޗް، 36، ނިކުންނާނީ އެމެރިކާގެ ބެން ޝެލްޓަންއާ ދެކޮޅަށެވެ. މިއީ އޭނާ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ސެމީން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ޝެލްޓަން ވަނީ ކުއާޓާގައި އެ ގައުމުގެ ފްރާންސެސް ޓިއަފޯ ބަލިކޮށްފައެވެ. އެ މެޗުގެ ސެޓުތައް ޝެލްޓަން ކާމިޔާބުކުރީ 6-2، 3-6، އާއި 7-6، އަދި 6-2 އިންނެވެ.
ސެމީގައި ޖޮކޮވިޗްއާ ޝެލްޓަން ބައްދަލުކުރާ މެޗު އޮންނާނީ މި މަހުގެ 9 ވާ ހޮނިހިރު ދުވަހު އެވެ.
