ގައުމީ ކެރަމް ޓީމުގެ ސިލެކްޝަން މުބާރާތުގައި މިރޭ ކުޅުނު މެޗުތަކަށްފަހު އިސްމާއިލް އަޒްމީން އާއި އައިމިނަތު ވިދާދް ގައުމީ ޓީމުން ޖާގަ ހޯދައިފިއެވެ.
ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގައި މި މަހުގެ 5 ވަނަ ދުވަހު ފެށި މި ފަހަރުގެ ސިލެކްޝަން މުބާރާތުގައި އެންމެ ފަހުން އެކުލަވާލި ގައުމީ ކެރަމް ޓީމުގައި ހިމެނުނު 10 ކުޅުންތެރިން ހިމެނޭ ގޮތަށް ނިސްބަތުން ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެފައިވެއެވެ. މިއީ މި އަހަރު ބާއްވާ ސިލެކްޝަން ތިންވަނަ މުބާރާތެވެ.
މި ފަހަރުގެ ސިލެކްޝަން މުބާރާތުގެ ފިރިހެން ކުޅުންތެރިންގެ ބައިގައި ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި، އެއަށްފަހު ގަދަ 8 ކުޅުންތެރިންގެ މެދުގައި ދެން ކުޅެވިގެންދިޔަ ފުރަތަމަ ބުރުގެ މެޗުތަކަށްފަހު ގައުމީ ޓީމުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ މިދިޔަ ދެ އަހަރު ރާއްޖޭގެ އެންމެ މޮޅު ކެރަމް އެތުލީޓުގެ މަގާމް ހާސިލްކުރި އަޒްމީން އެވެ. ފައިނަލްގައި އަޒްމީން ވަނީ އާދަމް އަދީލް ބަލިކޮށްފައެވެ.
މިރޭ ކުޅުނު ފައިނަލްގައި އަޒްމީން ވަނީ ސީދާ ދެ ސެޓުން އަދީލް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އަޒްމީން ގެންދިޔައީ 25-13 ،22-10 އިންނެވެ.
ފިރިހެން ކުޅުންތެރިންގެ ބައިގައި ތިންވަނަ ހޮވާ މެޗުން މުޙައްމަދު މުންތަސިރު (މުންކޮ) ވަނީ 2-1 ސެޓުން ހަސަން ނާޒިމް (ނާނަ) ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓް ވަރަށް ފަސޭހަކަމާއެކު މުންކޮ ގެންދިޔައީ 24-4 އިންނެވެ. ނަމަވެސް ދެން ޖެހިގެންއައި ސެޓުން ނާނަ މޮޅުވީ 10-25 އިންނެވެ. ދެން ކުޅެވުނު ތިންވަނަ ސެޓުން މުންކޮ ކުރިހޯދީ 25-15 އިންނެވެ.
މި ފަހަރުގެ މުބާރާތުގެ އަންހެން ކުޅުންތެރިންގެ ބައިގައި ގައުމީ ޓީމުގެ ފުރަތަމަ ޖާގަ ކަށަވަރުކުރި ވިދާދް ވަނީ ފައިނަލްގައި ފާތިމަތު ރަޔާނާ އަތުން 2-1 ސެޓުން މޮޅުވެފައެވެ.
މި މެޗުގެ ފުރަތަމަ ސެޓް 25-9 އިން ވިދާދް ގެންގޮސްފައިވަނިކޮށް، ރަޔާނާ ވަނީ 18-16 އިން ދެވަނަ ސެޓް ކާމިޔާބުކޮށްފައެވެ. އެއަށްފަހު، ނަތީޖާ ނެރުމަށް ކުޅެވުނު ތިންވަނަ ސެޓުން ވިދާދް ކުރިހޯދީ 25-7 އިންނެވެ.
އަންހެން ކުޅުންތެރިންގެ ބައިގައި ތިންވަނަ ހޮވާ މެޗުން އާމިނަތު ވިޝާމާ ވަނީ 2-1 ސެޓުން އައިޝަތު ފައިނާޒް ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓުން 18-16 އިން ކުރިހޯދީ ވިޝާމާ އެވެ. ދެވަނަ ސެޓް 22-13 އިން ފައިނާޒް ގެންގޮސްފައިވަނިކޮށް، ފަހު ސެޓުން ވިޝާމާ މޮޅުވީ 18-17 އިންނެވެ.
