އިންސާނާގެ ހަށިގަނޑަށް އެންމެ މުހިންމު އެކައްޗަކީ ފެނެވެ. ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށާއި ބަލިތަކުން ދުރުވުމަށް މަދުވެގެން ދުވާލަކު 8 ތަށި ފެން ބޭނުންކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ނަމަވެސް ކޮންމެ ދުވަހަކު 8 ތަށި ފެން ހަމަކުރަނީ ކިތައް ބޭފުޅުންތޯއެވެ؟

ގިނަފަހަރަ ދިރިއުޅުމުގެ ހަލަބޮލިކަންމަތީގައި ފެންބޯން ފަރުވާ ކުޑަ ކުރެވެއެވެ. ތައްޓަށް އަޅައިގެން ފެންބުއިމުގެ ބަދަލުގައި އަވަސް ކޮށްލައިގެން ފުޅިން ފެންފޮދެއް އަނގައަށް އޮއްސާލައިގެން ދަނީ ކިތައް ބޭފުޅުން ތޯއެވެ. ގިނައިން ފެން ބޭނުން ނުކުރާނަމަ ހަށިގަނޑު ޑީހައިޑްރޭޓް ވެއެވެ. ހަނގަނޑުގެ ތެތްކަން ގެއްލި، ބޮލުގައި ރިއްސުންފަދަ މައްސަލަތަކާއި ވެސް ކުރިމަތި ކުރުވައެވެ.

ތަފާތު ބަލިތަކުން ރައްކާތެރިކޮށްދީ، ދިފާއީ ނިޒާމް ވަރުގަދަކުރުމަށްވެސް ފެން އެހީވެދެއެވެ. އާންމުގޮތެއްގައި ހަށިގަނޑަށް ކޮންމެހެންވެސް ފެންބޭނުންވާ ބައެއް ވަގުތު ހުރެއެވެ. ކޮންމެ ދުވަހަކުވެސް މިވަގުތުތަކުގައި ރަނގަޅަށް ފެންތައްޓެއް ބޯލާނަމަ ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެހީވެދެއެވެ.

ހެނދުނު ހޭލުމަށްފަހު ފެންތައްޓެއް ބޯލުމަކީ ވަރަށް މުހިންމު ކަމެކެވެ. ހޭލައިގެން ފުރަތަމަ ކަމަކަށް ފެންތައްޓެއް ބޯލުމުން ރޭގަނޑު ނިދާފައޮންނަ ވަގުތު ހަށިގަނޑުން ގެއްލޭ ފެން އަލުން ހަށިގަނޑަށް ފޯރުކޮށްދެވުމުން ލޭދައުރުވުމާއި އެތެރެހަށީގެ އެހެނިހެން ގުނަވަންތަކުގެ މަސައްކަތްތައް ފަށައިގަތުމަށް ފަސޭހަވެ އެގުނަވަންތައް މަސައްކަތް ކުރާލެއް ރަނގަޅުވެއެވެ.

ކަސްރަތުކޮށް ނުވަތަ ދުވެ ނިމިގެން ފެންބުއިމަކީ ވެސް މުހިންމު ކަމެކެވެ. ކަސްރަތު ނިންމާލާފަ ވަރުބަލިކަންމަތީގައި ފެން ބޯލުމުން ހަށިގަނޑު ތާޒާ ކޮށްލާ ހަށިގަނޑުގައި ބާރު ޖައްސައެވެ. އަދި ހިތުގެ ވިނއްދު ހުންނަޖެހޭ ވަރަށް ދައްކޮށްދީ ހަށިގަނޑު އިއާދަކުރަން އެހީވެދެއެވެ.

ކާގަޑީގެ ބައިގަޑިއިރުކުރިން ފެންތައްޓެއް ބޯލުމަކީ ވެސް ފައިދާ ހުރި ކަމެކެވެ. ސިއްހީ ފައިދާގެ އިތުރުން ހަށިގަނޑު ހިއްކަދިނުމަށްވެސް އޭރުން އެހީތެރިވެއެވެ. ފެންބުއިމުން ބަނޑުގައި ޖާގަ ފުރޭގޮތްވުމުން ކެވޭލެއް މަދުވުމުން ހަށިގަނޑަށް ކެލަރީ ލިބޭވަރު މަދުވުމުން ހަށިގަނޑު ހިކެން ފަސޭހަވާނެއެވެ.

ފެންވެރުމުގެ ކުރިން ފެންބުއިމުން ލޭގެ ޕްރެޝަރު ދައްކޮށްދެއެވެ. ތާފަނާ ފެންތައްޓެއް ބޯލުމުން ލޭހޮޅިތައް ފުޅާވުމުން ލޭގެ ޕްރެޝަރު ދައްކޮށްލުމަށް އެހީތެރެވެއެވެ.

ނިދަން އޮށޯތުމުގެ ކުރިން ފެންބުއިމުން ހަށިގަނޑު ތެރެ ސާފުކޮށްލަން ފަސޭހަވެއެވެ. ހަށިގަނޑުގައި ހުންނަ ވިހަމާއްދާތައް ބޭރުވުމަށްވެސް ބާރުއަޅައެވެ. ނިދަން އޮށޯންނަވަގުތު ބަނޑުގައި ރިއްސާނަމަ ފެންތައްޓެއް ބޯލުމުން ބަނޑުގެ ރިހުން ބައެއް ފަހަރު ރަނގަޅު ކޮށްދެއެވެ.

މީގެއިތުރުން ބަލިވެ އުޅޭނަމަ ގިނައިން ފެންބޯން އާދަކުރަން ޖެހެއެވެ، އޭރުން ހަށިގަނޑުގައި ފެން ހުންނަން ޖެހޭ ވަރަށް ފެން ހިފަހައްޓައިދީ، އަވަހަށް ބަލިން ފަސޭހަވުމަށް މަގުފަހިކުރުވައެވެ. އަދި ބުރަ މަސައްކަތެއްގައި ގިނަވަގުތު އުޅޭނަމަ ހަށިގަނޑަށް ގިނައިން ފެން ފޯރުކޮށްދިނުން މުހިންމެވެ. ސަބަބަކީ އޭރުން ހަށީގަނޑުގެ ވަރުބަލިކަން ކުޑަކޮށްދީ ހަށިގަނޑުގައި ފެން ހިފަހައްޓައިދެއެވެ.