ގައުމީ ކެރަމް ޓީމުގެ ސިލެކްޝަންގައި މިރޭ ކުޅުނު މެޗުތަކަށްފަހު ހަސަން ނާޒިމް (ނާނަ) އާއި އައިޝަތު ފައިނާޒް ގައުމީ ޓީމުން ޖާގަ ހޯދައިފިއެވެ.
ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގައި މި މަހުގެ 5 ވަނަ ދުވަހު ފެށި މި ފަހަރުގެ ސިލެކްޝަންގައި އެންމެ ފަހުން އެކުލަވާލި ގައުމީ ކެރަމް ޓީމުގައި ހިމެނުނު 10 ކުޅުންތެރިން ހިމެނޭ ގޮތަށް ނިސްބަތުން ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެފައިވެއެވެ. މިއީ މި އަހަރު ބާއްވާ ތިންވަނަ ސިލެކްޝަނެވެ.
މި ފަހަރުގެ ސިލެކްޝަންގެ ފިރިހެން ކުޅުންތެރިންގެ ބައިގައި މިރޭ ކުޅުނު ދެވަނަ ބުރުގެ ފައިނަލްގައި ނާނަ ވަނީ 2-1 ސެޓުން އިބްރާހިމް ހުޖާން އަލީ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-9 އިން ނާނަ ގެންގޮސްފައިވަނިކޮށް، ހުޖާން ވަނީ ދެވަނަ ސެޓުން 25-22 އިން ކުރިހޯދާފައެވެ. ނަމަވެސް، ދެން ކުޅެވުނު ސެޓުން ނާނަ ވަނީ 25-12 އިން ކުރިހޯދާފައެވެ.
މިއީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ނާނަ، ގައުމީ ޓީމުން ޖާގަ ހޯދި ދެވަނަ ފަހަރެވެ. މި ދެ ފަހަރުވެސް ޖާގަ ހޯދީ މި އަހަރު އެވެ. ގައުމީ ޓީމަށް ނާނަ، އެންމެ ފަހުން ކުޅުނު މުބާރާތަކީ 2018 ވަނަ އަހަރުގެ ކެރަމް ވޯލްޑް ކަޕެވެ. އޭގެފަހުން، ނާނަ ވަނީ ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މިދިޔަ ދައުރުގެ އެކްސްކޯގައި ހަޒާންދާރުގެ މަގާމް ފުރާފައެވެ.
މިރޭ ކުޅުނު ތިންވަނަ ހޮވާ މެޗުގައި ޔަމާން އަބްދުލް ޖަލީލް ވަނީ 2-1 ސެޓުން އާދަމް އަދީލް ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-0 އިން އާދަމް އަދީލް ގެންގޮސްފައިވަނިކޮށް، ޔަމާން ވަނީ ދެން ޖެހިގެންއައި ދެ ސެޓު 19-14، 24-14 އިން ކާމިޔާބުކޮށްފައެވެ.
މިފަހަރުގެ ސިލެކްޝަންގައި އަންހެން ކުޅުންތެރިންގެ ބައިގެ ދެވަނަ ބުރުގެ ފައިނަލްގައި މިރޭ ފައިނާޒް ވަނީ ސީދާ ދެ ސެޓުން ފާތިމަތު ރަޔާނާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ފައިނާޒް ގެންދިޔައީ، 24-5، 20-18 އިންނެވެ.
ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި އައިމިނަތު ޝުބާ އާދަމް ވަނީ 2-1 ސެޓުން އާމިނަތު ވިޝާމާ ބަލިކޮށްފައެވެ. އެންމެ ފަހުގެ ގައުމީ ސިންގަލްސް ޗެމްޕިއަންކަން ހޯދީ ވިޝާމާ ފުރަތަމަ ސެޓު 22-7 އިން ގެންގޮސްފައިވަނިކޮށް، ޝުބާ ވަނީ ދެން ޖެހިގެންއައި ދެ ސެޓު 23-13، 21-12 އިން ކާމިޔާބުކޮށްފައެވެ.
