އިންޑިއާގެ އިންޑިގޯ އިން މާލެއާއި ނިއުދިއްލީ އާ ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.
އެ ގައުމުގެ ބަޖެޓް އެއަރލައިނެއް ކަމަށްވާ އިންޑިގޯ އާ ހަވާާދީ ނޫސްތަކުގައި ބުނެފައިވަނީ މިގޮތަށް ނިންމީ އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުމާއި ރާއްޖެއިން އެ ގައުމަށް ދާން ބޭނުންވާ މީހުން ވެސް އިތުރުވަމުންދާތީ ކަމަށެވެ. ޚާއްސަކޮށް ނިއުދިއްލީ އަށް ޑައިރެކްޓް ފްލައިޓުތަކުގައި ދާން ބޭނުންވާ މީހުން އިތުރުވުން ކަމަށެވެ.
އެ އެއަރލައިނާ ހަވާާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނިއުދިއްލީން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް ފަށާނެ ކަމަށެވެ. އަދި މި ދަތުރުތައް ހަފުތާއަކު ހަތަރު ދުވަހު ބޭއްވުމަށްނިންމާފައިވާ ކަމަށެވެ.
އެގޮތުން ކޮންމެ ހަފުތާއެއްގެ ހޯމަ، ބުދަ، ހުކުރު އަދި އާދިއްތަ ދުވަހު ދަތުރުތައް ބާއްވާއިރު، ފްލައިޓް ރާއްޖެ އަންނަ ގަޑިއަކީ މެންދުރު 12:25 ގައި ކަމަށާއި މި ފްލައިޓް އެނބުރި ވީއައިއޭއިން ފުރުމަށް ހަމަޖެހިފައިވަނީ ހަމަ އެދުވަސްތަކުގައި އިރުއޮއްސި 18:05 ގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އިންޑިގޯއިން މިހާރުވެސް އަންނަނީ އިންޑިއާގެ ބެންގަލޯ، ކޮޗިން އަދި މުންބާއީން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އުދުހުންތައް ބާއްވަމުންނެވެ.
މީގެ އިތުރުން އިންޑިއާގެ ވިސްތާރާ އެއަރލައިނުން ވެސް ވަނީ އަންނަ އޮކްޓޯބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖެ އާއި ނިއުދިއްލީއާ ދެމެދު ސީދާ ދަތުރުތައް ބާއްވާނޭކަން ކުރިން ވަނީ ހާމަކޮށްފައެވެ.
