ގައުމީ ކެރަމް ޓީމުގެ ސިލެކްޝަންގައި ރޭ ކުޅުނު މެޗުތަކަށްފަހު ޔަމާން އަބްދުލް ޖަލީލް އާއި ފާތިމަތު ރަޔާނާ ގައުމީ ޓީމުން ޖާގަ ހޯދައިފިއެވެ.
ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގައި މި މަހުގެ 5 ވަނަ ދުވަހު ފެށި މި ފަހަރުގެ ސިލެކްޝަންގައި އެންމެ ފަހުން އެކުލަވާލި ގައުމީ ކެރަމް ޓީމުގައި ހިމެނުނު 10 ކުޅުންތެރިން ހިމެނޭ ގޮތަށް ނިސްބަތުން ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެފައިވެއެވެ. މިއީ މި އަހަރު ބާއްވާ ތިންވަނަ ސިލެކްޝަނެވެ.
މި ފަހަރުގެ ސިލެކްޝަންގެ ފިރިހެން ކުޅުންތެރިންގެ ބައިގައި ރޭ ކުޅުނު ތިންވަނަ ބުރުގެ ފައިނަލްގައި ޔަމާން ވަނީ 2-1 ސެޓުން އިބްރާހިމް ހުޖާން އަލީ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-9 އިން ޔަމާން ގެންގޮސްފައިވަނިކޮށް، ހުޖާން ވަނީ ދެވަނަ ސެޓުން 24-16 އިން ކުރިހޯދާފައެވެ. ނަމަވެސް، ދެން ކުޅެވުނު ސެޓުން ޔަމާން ވަނީ 25-18 އިން ކުރިހޯދާފައެވެ.
ރޭ ކުޅުނު ތިންވަނަ ހޮވާ މެޗުގައި އާދަމް އަދީލް ވަނީ ސީދާ ދެ ސެޓުން ޚާތިމް ޚަލީލް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އަދީލް ކާމިޔާބުކުރީ 15-14، 25-10 އިންނެވެ.
މިފަހަރުގެ ސިލެކްޝަންގައި އަންހެން ކުޅުންތެރިންގެ ބައިގެ ތިންވަނަ ޖާގަ ހޯދީ ރޭ އައިމިނަތު ޝުބާ އާދަމް އަތުން 2-1 ސެޓުން މޮޅުވި ރަޔާނާ އެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-1 އިން ޝުބާ ގެންގޮސްފައިވަނިކޮށް، ރަޔާނާ ވަނީ ދެން ޖެހިގެންއައި ދެ ސެޓު 19-14، 25-5 އިން ކާމިޔާބުކޮށްފައެވެ.
ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި އައިޝަތު ނަހުފާ ވަނީ 2-1 ސެޓުން އާމިނަތު ވިޝާމާ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓު ވިޝާމާ ގެންދިޔައީ 23-8 އިންނެވެ. ނަމަވެސް ނަހުފާ ވަނީ ދެން ޖެހިގެންއައި ދެ ސެޓު 17-14، 24-15 އިން ކާމިޔާބުކޮށްފައެވެ.
