ޗައިނާގައި ރާއްޖެ އިޝްތިހާރުކުރުމުގެ އެންމެ ބޮޑު ހަރަކާތުގައި އެމްއެމްޕީއާރުސީއާއެކު ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން ބައިވެރިވަމުން އެބަދެއެވެ.
އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ 33 ކުންފުންޏެއްގެ 64 މަންދޫބުންނާއެކު އައިޓީބީ ޗައިނާ 2023 ގައި ބައިވެރިވެ، ރާއްޖެ އިޝްތިހާރުކުރަމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެމްއެމްޕީއާރުސީން ބުނީ މިއީ ކޯވިޑް-19 އަށްފަހު ޗައިނާގައި ބާއްވާ ޓްރެވަލް އިންޑަސްޓްރީގެ އެންމެ ބޮޑު ފިޒިކަލް އިވެންޓްކަމަށާއި މި ހަރަކާތް ކުރިއަށްދާނީ މި މަހުގެ 12 އިން 14 އަށް ކަމަށެވެ.
ޝަންހާއީ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރު، ޝަންހާއީގައި ކުރިއަށް ދާ އައިޓީބީ ޗައިނާއަކީ ޗައިނާގެ ޓްރެވަލް މާކެޓަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ބ2ީބީ ޓްރޭޑް ޝޯއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންޑަސްޓްރީގެ ގިނަ ތަޖުރިބާކާރުން ބައިވެރިވާ މި ފެއަރގައި މުހިންމު ސޯސް މާކެޓްތަކުގެ އޭޖެންޓުންނާއި ބަޔަރސް ގުޅުން ބަދަހިކުރުމަށް ތަފާތު ނެޓްވޯކިންގ ހަރަކާތްތައް ކުރިއަށް ގެންދެއެވެ.
މި ފެއަރގައި ވިޒިޓް މޯލްޑިވްސް ސްޓޭންޑް ދިވެހިރާއްޖޭގެ ރީތިކަމާއި ހިތްގައިމުކަން ތަމްސީލުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާއިރު، ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވަރަށް ގިނަ ތަޖުރިބާތަކެއް ލިބިގެންދާނެކަމަށް އެމްއެމްޕީއާރުސީ އިން ބުނެއެވެ.
އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ޓްރެވަލް ޓްރޭޑާއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތާއި، ދިވެހި ކެލިގްރަފީ ބުކްމާކް ހެދުމުގެ ފުރުސަތާއި، ދިވެހިރާއްޖޭގެ ހިތްގައިމު މަންޒަރު ދައްކުވައިދޭ ބެކްޑްރޮޕެއްގައި ލިބާހާއި ފޭލި އަނދެގެން ފޮޓޯ ނެގުމުގެ ފުރުސަތުތައް ހިމެނޭ ކަަމަށް ބުނެއެވެ.

މިފެއަރގައި އެމްއެމްޕީއާރުސީއިން ވިޒިޓް މޯލްޑިވްސްގެ ވީބޯ އަދި ވީޗެޓް ސޯޝަލް މީޑިއާ ހެންޑްލްތައް މެދުވެރިކޮށް ޗައިނާ މާކެޓް ގައި ދިވެހިރާއްޖެ އިތުރަށް އިޝްތިހާރުކޮށް، މި ފުރުސަތުގައި މި ޗެނަލްތައް އިތުރަށް ފުޅާކުރުމަށް މަސައްކަތްތައް ކުރާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ވިޒިޓް މޯލްޑިވްސް އާއި އިންޑަސްޓްރީ ޕާޓްނަރުންނާ ބެހޭ މައުލޫމާތު ހިމެނޭ ޕްރެސް ޕެކްތަކާއި ޕްރޮމޯޝަނަލް މެޓީރިއަލްސް މެދުވެރިކޮށް ދިވެހިރާއްޖޭގެ މަޢުލޫމާތު ފޯރުކޮށްދީ، ފެއަރގެ ފަހު ދުވަހު ރެފްލްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ކޮވިޑް19 ގެ ކުރިން ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެންމެ ބޮޑު މާކެޓެވެ. ކޯވިޑް19 އާ ގުޅިގެން ބޯޑަރު ބަންދުކުރުމުގެ ސަބަބުން 3 އަހަރުގެ މެދުކެނޑުމަކަށްފަހ،ު ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަފައިވަނީ މިއަހަރުގެ ޖަނަވަރީ 18 ވަނަ ދުވަހުއެވެ.
އެމްއެމްޕީއާރުސީއިން ވަނީ ބޯޑަރު ބަންދުކޮށްފައިވާ ދުވަސްވަރު ވެސް މާކެޓިންގެ އެކި ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސް ޗައިނާގައި ރާއްޖޭގެ ޑެސްޓިނޭޝަން ޕްރެޒެންސް ދަމަހައްޓާފައެވެ. 05 ސެޕްޓެމްބަރ 2023 ގެ ނިޔަލަށް ޗައިނާއިން ޖުމްލަ 123,824 ފަތުރުވެރިން ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
