ގައުމީ ކެރަމް ޓީމުގެ ސިލެކްޝަންގައި އެންމެ ފަހުން ކުޅުނު މެޗުތަކަށްފަހު މުޙައްމަދު މުންތަސިރު (މުންކޮ)، އާދަމް އަދީލް، އައިޝަތު ނަހުފާ އާއި އާމިނަތު ވިޝާމާ ގައުމީ ޓީމުން ޖާގަ ހޯދައިފިއެވެ.

ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގައި މި މަހުގެ 5 ވަނަ ދުވަހު ފެށި މި ފަހަރުގެ ސިލެކްޝަންގައި އެންމެ ފަހުން އެކުލަވާލި ގައުމީ ކެރަމް ޓީމުގައި ހިމެނުނު 10 ކުޅުންތެރިން ހިމެނޭ ގޮތަށް ނިސްބަތުން ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެފައިވެއެވެ. މިއީ މި އަހަރު ބާއްވާ ތިންވަނަ ސިލެކްޝަނެވެ.

މި ފަހަރުގެ ސިލެކްޝަންގެ ފިރިހެން ކުޅުންތެރިންގެ ބައިގެ ހަތަރު ވަނަ ބުރުގެ ފައިނަލްގައި މުންކޮ ވަނީ 2-1 ސެޓުން ޚާތިމް ޚަލީލް ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-6 އިން ޚާތިމް ގެންގޮސްފައިވަނިކޮށް، މުންކޮ ވަނީ ދެން ޖެހިގެންއައި ދެ ސެޓު 25-0، 17-11 އިން ކާމިޔާބުކޮށްފައެވެ.

ސިލެކްޝަންގެ އަންހެން ކުޅުންތެރިންގެ ބައިގެ ހަތަރުވަނަ ބުރުގެ ފައިނަލްގައި ނަހުފާ ވަނީ ސީދާ ދެ ސެޓުން އާމިނަތު ޝުބާ އާދަމް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ނަހުފާ ގެންދިޔައީ، 23-18، 24-23 އިންނެވެ.

ފިރިހެން ކުޅުންތެރިންގެ ބައިގެ ފަސްވަނަ ބުރުގެ ފައިނަލްގައި ރޭ އަދީލް ވަނީ ސީދާ ދެ ސެޓުން ޚާތިމް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އަދީލް ގެންދިޔައީ، 25-6، 22-8 އިންނެވެ.

އަންހެން ކުޅުންތެރިންގެ ބައިގެ ފަހު ބުރުގެ ފައިނަލްގައި ރޭ ޝުބާ އަތުން ވިޝާމާ މޮޅުވީ ވެސް ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ވިޝާމާ ކާމިޔާބުކުރީ 25-10، 21-20 އިންނެވެ.