ސިމްބޮލިކް އަކީ ދިވެހިރާއްޖޭ ގައި އުފެދުނު އެންމެ ކާމިޔާބު އެއް ހިޕްހޮޕް އަދި ރެޕް ރެކޯޑިންގ ލޭބަލް އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެގޮތުން ދާދި ފަހުން ސިމްބޮލިކްއިން މިވަނީ ސްރީލަންކާ ގެ މަޝްހޫރު ރެޕަރެއް ކަމުގައި ވާ އިރާޖް އާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯދާފައިއެވެ.
ސިމްބޮލިކްއަކީ ރެޕް އަދި ހިޕްހޮޕް ލަވަ އަށް ހާއްސަކޮށް ހެދިފައިވާ ރެކޯޑިންގ ލޭބަލް އެއް ނަމަވެސް ފަރާތުން މިހާރު ދަނީ ތަފާތު ވައްތަރުގެ ލަވަ އަދި ވީޑިއޯތައް ހަދަމުންނެވެ.
މިފަހަރު ސިމްބޮލިކް އިން މިވަނީ އެއަށް ވުރެވެސް ބޮޑު ކާމިޔާބީއެއް ހޯދާފައިއެވެ. އެގޮތުން ސިމްބޮލިކް މިވަނީ ސައުންޑް ކްލައުޑް އަދި ޔޫޓިއުބް އިން ވެރިފައިޑް ސްޓޭޓަސް ލިބުން ފުރަތަމަ ދިވެހި ރިކޯޑް ލޭބަލް ގެ ލަގަބް ހޯދާފައިއެވެ.
ސިމްބޮލިކް ގެ ފަރާތުން "ތީރަށް" މައުލޫމާތު ދެމުން ހާމަކުރިގޮތުގައި ގޮތުގައި ސައުންޑް ކްލައުޑް އިން އެކައުންޓްސް ވެރިފައި ކުރަން ފެށިތާ 8 ދުވަސް ތެރޭގައި ސިމްބޮލިކް ގެ އެކައުންޓް ވެރިފައި ވުމަކީ ވަރަށް ވެސް ބޮޑު ކާމިޔާބީ އެއްކަމާއި ޔޫޓިއުބް ގެ ވެސް ވެރިފައިޑް ސްޓޭޓަސް ލިބިފައިވާކަމަށެވެ. އަދި މިއީ މިހާތަނަށް ވެރިފައިޑް ކުރެވިފައިވާ ހަމައެކަނި ދިވެހި އެކައުންޓް ކަމަށް ވުމަކީވެސް ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށެވެ. މީގެ އިތުރުން މިހާތަނައް 15.1 މިލިއަން ޕްލޭސް ސައުންޑް ކްލައުޑް އިން ލިބިފައިވާއިރު، 7 މިލިއަން އަށް ވުރެ ގިނަ ވިއުސް ޔޫޓިއުބް އިން ލިބިފައިވާކަމަށެވެ. ކޮވިޑް 19 އާއި ގުޅިގެން ހުރިހާ އާރޓިސްޓުންނަށް ވެސް މާލީ ގޮތުން ވަރަށް ބޮޑަށްދަތި ވެގެން ދިޔަކަމަށާ، އެކަންކަމާއެކުވެސް އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ފޭނުންނަށް ދޭން ބޮޑު ސަޕްރައިޒެއް ރާވަމުން ދާކަމަށް ސިމްބޮލިކް އިން ހާމަކުރިއެވެ.
ވެރިފައިޑް ސްޓޭޓަސް ލިބުމުން ފޭނުން ދަނީ ސިމްބޮލިކް އަށް މަރުހަބާ ކިޔަމުންނެވެ. އެގޮތުން ޔޫތް މިނިސްޓާރ އަހްމަދު މަހްލޫފް ވެސް ވަނީ ސިމްބޮލިކް އަށް މަރުހަބާ ދަންނަވާފައިއެވެ.
އަޅުގަނޑުމެން ތީރު ޓީމުގެ ފަރާތުން އެދެނީ ސިމްބޮލިކް އަށް ފާގަތި އަދި ކާމިޔާބު މުސްތަގުބަލަކަށެވެ.
