ޭޝާހްރުކް ޚާން (އެސްއާރްކޭ) ލީޑް ރޯލުން ފެނިގެންދާ ފިލްމު "ޖަވާން" މި ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ރިލީޒްކުރިއިރު، ކްރިޓިކަލްގެ އިތުރުން ވިޔަފާރީގެ ގޮތުން ވެސް އަޖައިބު ކުރުވަނިވި ކާމިޔާބީތަކެއް ވަނީ މި ފިލްމަށް ލިބިފައެވެ. ޚާއްސަކޮށް މި ފިލްމުގައި އައިޝްވާރިޔާ ރާތޯރުގެ ރޯލުން ދީޕިކާ ޕަދުކޯން ފެނިގެން ދިޔުން ވެގެން ގޮސްފައިވަނީ ގިނަ ބައެއްގެ ތައުރީފު އަދި ސަމާލުކަން މިފލްމަށް ލިބުން އެއް ސަބަބެވެ. ދާދި ފަހުން ކަރަން ޖޯހަރު ވަނީ މިފިލްމަށް ތައުރީފުކޮށް ދިގު ޕޯސްޓެއް ލިޔެފަ އެވެ. ދީޕިކާ ވަނީ މިހާރު މި ޕޯސްޓަށް ރިއެކްޓްކޮށްފައެވެ.

މިއަދު  ދީޕިކާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި "ޖަވާން" އަށް ކަރަން ދީފައިވާ ކޮމެންޓްތަކަށް ރިއެކްޓްކޮށްފަ އެވެ. އޭނާ ލިޔެފައިވަނީ "ޝުކުރިއްޔާ ކަރަން ޖޯހަރު (ތިން ހުދު ހިތުގެ އިމޯޖީތަކާއެކު)" މިހެންނެވެ.

މީގެ ދެ ދުވަސް ކުރިން ކަރަން ވަނީ ފިލްމާއި ޓީމުގެ މެމްބަރުންނަށް ތައުރީފުކޮށް ދިގު ޕޯސްޓެއް ލިޔެ، އިންސްޓަގްރާމްގައި ލިޔެފައެވެ. އޭނާ ލިޔެފައިވާ ގޮތުގައި މި ފިލްމަކީ ވަރަށް ވެސް ފުރިހަމަ ފިލްމެއް ކަމަށާއި މުޅި ފިލްމު ނިމިގެންދިޔަ އިރުވެސް އިންނަން ޖެހިފައިވަނީ ނޭވާ ހިފަހައްޓާލައިގެން ކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ މި ފިލްމު މިހާ ފުރިހަމަ ވުމުގައި މި ފިލްމުގެ އެކްޓަރުންނާއި އެކްޓްރެސްގެ ރޯލް ފާހަގަކޮށް އެ މީހުންގެ އެކްޓިން އަށް ތައުރީފު ހައްގުކަން ފާހަގަކޮށްފައިއެވެ. މީގެ އިތުރުން އޭނާ ވަނީ ފިލްމުގެ ޓީމަށް ވެސް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ. އޭނާ އިތުރަށް ބުނި ގޮތުގައި މި ފިލްމު ވެގެން ދާނީ ބޮލީވުޑްގައި ވިދާލާނެ ފިލްމަކަށެވެ. 

އިއްޔެ "ޖަވާން"ގެ ޕޯސްޓް ރިލީޒް އިވެންޓެއް މުމްބާއީގައި ބާއްވާފައިވާއިރު، މި އިވެންޓުގައި ޝާހްރުކް، އަޓްލީ، ވިޖޭ ސެތޫޕަތީ، ދީޕިކާގެ އިތުރުން އެހެނިހެން ޓީމް މެމްބަރުން ބައިވެރިވި އެވެ. މި އިވެންޓުގައި އެސްއާރުކޭ ވަނީ ފިލްމުގެ މުޅި ޓީމުގެ ކެތްތެރިކަމަށް ތައުރީފުކޮށްފަ އެވެ. އޭނާ ބުނީ "ވަރަށް މަދުން އަހަރުތަކެއް ވަންދެން ފިލްމަކާ އެކު އުޅުމުގެ ފުރުސަތު ލިބެނީ. "ޖަވާން" މޭކިންގައި ހަތަރު އަހަރު ވި. ކޯވިޑާއި، ވަގުތުގެ ދަތިކަމުގެ ސަބަބުން. އެކަމަކު މި ފިލްމުގައި އެހާ ގިނަ ބަޔަކު ބައިވެރިވި، ހާއްސަކޮށް ސައުތު އައިސް މުމްބާއީއަށް ބަދަލުވެ، މިދިޔަ ހަތަރު އަހަރު މުމްބާއީގައި ދިރިއުޅެމުން  މި ފިލްމަށް ރެއާއި ދުވާލު މަސައްކަތް ކުރަމުން އަންނަ ތަރިން ފާހަގަ ކޮށްލަން ޖެހޭ"ކަމަށެވެ.