އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ސިންގަމް އަގެއިން"ގެ ޝޫޓިންގ، މިދިޔަ ހޮނިހިރު ދުވަހު ފެށިއްޖެ ކަމަށް، ޑައިރެކްޓަރު ރޯހިތު ޝެޓީ ބުނެފިއެވެ. "ސިންގަމް ރިޓަރންސް"ގެ ފޮލޯއަޕެއް ކަމަށްވާ  މި ފިލްމަކީ ރޯހިތުގެ 'ކޮޕް ޔުނިވަރސް'ގެ އައު ބައެއް ކަމަށާއި، އަޖޭ ދޭވްގަން ލީޑުން ފެނިގެންދާ، ރޯހިތުގެ 3 ވަނަ ފިލްމު ކަމަށެވެ. 

ޝޫޓިންގ ފެށުން އިޢުލާންކުރަމުން "ގޯލްމާލް: ފަން އަންލިމިޓެޑް"ގެ ޑައިރެކްޓަރު އިންސްޓަގްރާމުގައި ލިޔެފައިވަނީ: 'ސިންގަމް'، 'ސިންގަމް ރިޓަރންސް'، 'ސިމްބާ' އަދި 'ސޫރްޔަވަންޝީ'... މީގެ 12 އަހަރު ކުރިން އަހަރުމެން 'ސިންގަމް' އުފެއްދިއިރު އަހަރުމެން ހިއެއް ނުކުރަން އެއީ ކޮޕް ޔުނިވަރސްއަކަށް ބަދަލު ވެދާނެ ކަމަކަށް! މިއަދު އަޅުގަނޑުމެން ޝޫޓް ކުރަން މި ފަށަނީ "ސިންގަމް އަގެއިން"... އަޅުގަނޑުމެންގެ ކޮޕް ފްރެންޗައިޒްގެ 5ވަނަ ފިލްމު" މިފަދައިންނެވެ.

ސުޕަރކޮޕްގެ ރޯލު އަލުން ކުޅޭ އަޖޭ ދޭވްގަންގެ އެކްސް އެކައުންޓް (ކުރީގެ ޓްވިޓަރ) ގައި ފޮޓޯއެއް ޙިއްޞާކޮށް ލިޔެފައިވަނީ މީގެ 12 އަހަރު ކުރިން އިންޑިއަން ސިނަމާއަށް އެންމެ ބޮޑު ސިނަމެޓިކް ކޮޕް ޔުނިވަރސް ދިން ކަމަށެވެ. އަދި ނިމިދިޔަ އަހަރު ތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް ލިބިފައިވާ ހުރިހާ ލޯތްބަކާއެކު، ބާރު ވަރުގަދަވެ، ސިންގަމް ޢާއިލާ ބޮޑުވެގެން ދިޔައެވެ. މިއަދު އަހަރުމެން އެކީ މަސައްކަތް މި ފެށީ "ސިންގަމް އަގެއިން"އިން އަހަރުމެންގެ ފްރެންޗައިޒް ކުރިއަށް ގެންދިއުމަށް ކަމަށެވެ. 

ދާދި ފަހުން "އޯ.އެމް.ޖީ 2" ނިންމާލި އަކްޝޭ ކުމާރު ވެސް މި ފިލްމުން ފެނިގެންދާނެއެވެ. މިވަޤުތު އިންޑިއާއިން ބޭރުގައި ހުރި ނަމަވެސް އަކްޝޭ އޭނާގެ އެކްސް އެކައުންޓުގައި ލިޔެފައިވަނީ "ސިންގަމް އަގެއިން"އަށް އޭނާގެ ހެޔޮއެދުންތައް ފޮނުވާ ކަމަށެވެ. އަދި  މިވަޤުތު އިންޑިއާއިން ބޭރުގައި ހުރި ނަމަވެސް ހިތާއި ރޫޙު އޮތީ "ސިންގަމް އަގެއިން"ގެ ޓީމާއެކު ކަން ވެސް ފާހަގަކޮށްފައިވެއެވެ. 

"ސިންގަމް އަގެއިން"އަކީ "ސިންގަމް"އާއި "ސިންގަމް ރިޓަރންސް" އަދި "ސިމްބާ"ގެ އިތުރުން "ސޫރްޔަވަންޝީ"އަށްފަހު ރޯހިތު ޝެޓީގެ ކޮޕް ޔުނިވަރސްގެ 5ވަނަ ފިލްމެވެ. 

މި ފިލްމުގައި ޖެކީ ޝްރޮފާއި، ދީޕިކާ ޕަދުކޯން ވެސް ފެނިގެންދާނެއެވެ. އަދި ހަމައެހެންމެ އަރްޖުން ކަޕޫރްގެ ރޯލެއް ވެސް މި ފިލްމުގައި ފެނިގެންދާނެ ކަމަށް ބައެއް ރިޕޯޓުތަކުން ބުނެއެވެ.