ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑް އާޖެންޓީނާގެ ކުޅުންތެރިޔާ އަދި މެނޭޖަރ ޑިއޭގޯ މެރެޑޯނާގެ ކުއްލި ވަކިވެދިއުމަކީ ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ސިހުން ގެނުވި ޚަބަރެކެވެ. 1960 ވަނަ އަހަރުގެ އޮކްޓޯބަރ 30 ވަނަ ދުވަހު އުފަންވި މެރެޑޯނާ ދުނިޔެ ދޫކޮށްފައިވަނީ 25 ނޮވެމްބަރ 2020 ވަނަ ދުވަހު ބޫނޯސް އެއަރސްގައި ހުންނަ އޭނާގެ ގޭގައެވެ. މެރެޑޯނާގެ ސްޕޯކްސްމަން ސެބާސްޓަން ބުނެފައިވާގޮތުގައި މެރެޑޯނާ މަރުވެފައިވަނީ ސިކުނޑީގެ ސާރޖަރީއެއް ކުރުމަށްފަހު ގެޔަށް ދޫކުރިތާ ދެހަފްތާފަހުން އޭނާގެ ހާލުރަނގަޅުވަމުން އަންނަނިކޮށް މިދިޔަ ބުދަދުވަހު ކުއްލިއަކަށް ޖެހުނު ހާރޓްއެޓޭކެއްގައެވެ.

މުޅިދުނިޔޭގެ ލޯބި ހޯދާފައިވާ މެރެޑޯނާގެ އާންމު ދިރިއުޅުމަށް ބަލާލާއިރު މެރެޑޯނާއަކީ އޭނާގެ މައިންބަފައިންގެ އަށް ކުދިންގެ ތެރެއިން ފަސްވަނައެވެ. ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން އައި މެރެޑޯނާގެ މައިންބަފައިން އާއިލާއާއެކު ދިރިއުޅެމުންއައީ އާރޖެންޓިނާގެ ޕްރޮވިންސެއް ކަމަށްވާ ބޫނޯސް އެއާރސްގައެވެ. މެރެޑޯނާއަށް ފުޓްބޯޅައިގެ ދުނިޔެއަށް ވަދެވުމުގެ އެންމެ ބޮޑު އަސްލަކީ ޢުމުރުން އެންމެ ތިން އަހަރުގައި ހަދިޔާއަކަށް ލިބުނު ފުޓްބޯޅައެވެ. އޭގެ ފަހުން އުމުރުން ދިހަ އަހަރުގައި އާރޖެންޓިނާގެ އެންމެ ބޮޑު ޖޫނިއާ ޓީމް ކަމަށްވާ ލޮސް ކެބޮލިޓަސް އާއި ގުޅި 136 ސްޓްރީކް ހަދާ ކްލަބް ކެބޮލިޓަސް އަށް ބޮޑު ކާމިޔާބީއެއް ހޯދިއެވެ. އަދި ޢުމުރުން 16 އަހަރުގައި ސީނިޔާ ޓީމުން ޖާގަ ކަށަވަރުކޮށް ޕްރޮފެޝަނަލް ކުޅުންތެރިއަކަށްވިއެވެ.

މެރެޑޯނާގެ ޕްރޮފެޝަނަލް ކެރިއަރއަށް ބަލާލާއިރު އޭނާ ފާހަގަވެފައިވަނީ އޭނާގެ މޮޅު އުކުޅުތައް ބޭނުންކޮށްގެން އަމިއްލައަށް ގޯލް ކާމިޔާބު ކުރުމާއި އެހެންމީހުންނަށް ގޯލް ކާމިޔާބުކުރުމަށް އެހީވެދޭ ބިރުކުޑަ މިޑްފީލްޑަރެއްގެ ގޮތުގައެވެ. އެގޮތުން މެރެޑޯނާވަނީ އާރޖެންޓީނާގެ އިތުރުން އިޓަލީ އަދި ސްޕެއިންގެ ޓީމްތަކަށް ކުޅެ ޗެމްޕިއަންކަން ހޯދައިދީފައެވެ. މެރެޑޯނާ ފުޓްބޯޅައިގައި އެންމެ ބޮޑަށް މަޝަހޫރުވެގެން ދިޔައީ 1986 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އާރޖެންޓިނާގެ ގައުމީ ޓީމްއަށް ކާމިޔާބު ލިބުނު މެޗްއިންނެވެ. އެ މުބާރާތުގެ ކުއަރޓަރ ފައިނަލްގައި އިންގްލެންޑާއި ދެކޮޅަށް ކުޅުނު މެޗްގައި އޭނާ ކާމިޔާބުކުރި ތާރީޚީ ދެގޯލްގެ ސަބަބުންނެވެ. ގަވާއިދާއި ޙިލާފަށް މެރެޑޯނާގެ ވައަތުން ޖަހާ ކާމިޔާބުކުރި ގޯލް މެރެޑޮނާވަނީ އެއީ އަސްލު ގޯލެއްކަމަށް ދައުވާކޮށްފައެވެ. އަދި ރެފްރީއަށް އެގޯލް ސިފަކުރެވުނީ އެއީ މެރެޑޯނާ ބޮލުން ޖަހާ ފޮނުވާލި ގޯލްއެއްގެ ގޮތުގައެވެ. ދެވަނަ ގޯލްގައި މެރެޑޯނާގެ އާދަޔާޚިލާފް ބާރުގެ ސަބަބުން ޑިފެންޑަރުންނަށް ރޭކާވެސްނުލާ ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަދެގެންގޮސްފައިވެއެވެ. އެމެޗުން އާރޖެންޓިނާއިން ވަނީ އިންގްލެންޑާއި ދެކޮޅަށް ކުރިހޯދައިފައެވެ. މެރެޑޯނާވަނީ މުޅިޖުމްލަ ހަތަރު ވޯލްޑްކަޕްގައި ބައިވެރިވެ ޤައުމީފެންވަރުގެ 91 މެޗްގައި އާރޖެންޓިނާ ރެޕްރެޒެންޓްކޮށް ފަޚުރުވެރި 34 ގޯލް ކާމިޔާބުކޮށްފައެވެ.
މެރެޑޯނާއަކީ ދަނޑުމަތީގައި އޭނާ ދައްކާ މޮޅު ހުނަރުގެ އިތުރުން ތަފާތު އެތައް ގޮތަކުން އާންމުންގެ މެދުގައި މަޝްހޫރު ތަރިއެކެވެ. އެގޮތުން 1980 ވަނަ އަހަރު ސްޕެއިން ޓީމަށް ކުޅެމުން ދަނިކޮށް ކޮކެއިންއަށް އެޑިކްޓްވުމުގެ ސަބަބުން އޭނާއަށްވަނީ 15 މަސްދުވަހުގެ ސަސްޕެންޝަނެއް އައިސްފައެވެ. އޭގެ ތިން އަހަރު ފަހުންވެސް ވޯލްޑްކަޕްތެރޭގައި މެރެޑޯނާއަށް ވަނީ ޑްރަގްގެ ބާވަތެއް ކަމަށްވާ އެފެޑްރިން ބޭނުންކުރުމުގެ ތުހުމަތުގައި 3 އަހަރަށް ސަސްޕެންޑްކޮށްފައެވެ. މެރެޑޯނާގެ ފުޓްބޯޅަ ކެރިއަރުގެ ބޮޑުބައެއް ހޭދަކޮށްފައިވަނީ އޭނާގެ އުފަން ގައުމުގައެވެ. އަދި އޭނާއަށް ކުރިމަތިވި ހާނިއްކައިގެ ސަބަބުން އުނދަގޫ ދުވަސްތަކެއް ތަޙައްމަލުކުރުމަށްފަހު ޢުމުރުން 37 އަހަރުގައި އޭނާވަނީ ރިޓަޔަމަންޓް އިޢުލާންކޮށްފައެވެ.

ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށް ރިޓަޔަރވުމަށްފަހު މެރެޑޯނާ ހިތުގެ ބައްޔަށް ފަރުވާކުރުމުގައި ދުވަސްތަކެއް ހޭދަކޮށްފައިވެއެވެ. އަދި 2004 ވަނަ އަހަރު ނޭވާލާ ނިޒާމުގެ މައްސަލައެއްގެ ސަބަބުން މެރެޑޯނާވަނީ ގޭސްޓްރިކް ބައިޕާސް ސަރޖަރީއެއްވެސް ހަދާފައެވެ. ބަލިހާލަތުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު އަނެއްކާވެސް މެރެޑޯނާވަނީ ފުޓްބޯޅައިގެ ތެރެއަށް ވަދެފައެވެ. އެގޮތުން 2008 ވަނަ އަހަރު އާރޖެންޓިނާގެ ޤައުމީޓީމްގެ ކޯޗެއްގެ ގޮތުގައި އޭނާ ހަމަޖެއްސިއެވެ. އާޖެންޓީނާގެ މޮޅު ކުޅުންތެރިންނާއެކު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިޔޮނަލް މެސީ ހިމެނިގެން 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ކްއާރޓަރ ފައިނަލްގައި ޖާމަނީއާއި ދެކޮޅަށް ކުޅުނު މެޗްގައި 0-4 އަކުން އާޖެންޓިނާ ބަލިވުމުގެ ސަބަބުން މެރެޑޯނާގެ ކޯޗްކަމުގެ ކޮންޓްރެކްޓް ވަނީ އިތުރަށް އައު ނުކުރުމަށް ނިންމާފައެވެ. މި މުބާރާތުން ބަލިވުމުގެ ސަބަބުން ސަޕޯޓަރުންގެ ހިތްހަމަނުޖެހުންތަކާއެކުވެސް މެރެޑޯނާވަނީ އާޖެންޓީނާގެ ލޯބި އެންމެ ފުރިހަމައަށް ލިބި އާރޖެންޓީނާ އާއިއެކު ދުވަސްތަކެއް ހޭދަކޮށްފައެވެ.

މެރެޑޯނާ ވަކިވެ ދިއުމުގެ ހިތާމައިގައި އާރޖެންޓިނާގެ ރައީސް އަލްބާރޓޯ ފެނަންޑެޒްވަނީ ތިންދުވަސް ބަންދު ދުވަހުގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި އާރޖެންޓިނާގެ ސަރުކާރުންވަނީ މެރެޑޯނާގެ ހަށިގަނޑު ކާސާ ރަސޯޑާ ގަވަމެންޓް ހެޑްކުއާރޓާސްއަށް ގެންގޮސް ޝަރަފުގެ ޖަނާޒާއެއް ބޭއްވުމަށް ނިންމާފައެވެ. އަދި އާރޖެންޓިނާގެ ޕްރޮފްޝަނަލް ސޮކަރ ލީގްއިން ވަނީ މިހާރުގެ ފުރަތަމަ ޑިވިޝަންގެ ޓޯރނަމެންޓްގެ ނަން މެރެޑޯނާގެ ހަނދާނުގައި އޭނާގެ ނަމަށް ބަދަލުކޮށް ކުރިޔަށް ގެންދިޔުމަށް އިޢުލާނުކޮށްފައެވެ.
އާރޖެންޓިނާގެ ފުޓްބޯޅައަށް ދިރުންގެނުވި މެރެޑޯނާގެ ކުއްލި ވަކިވެދިއުން އެގައުމުން ސިފަކޮށްފައިވަނީ ގެއްލިގެންދިޔަ އަގުބޮޑު ޖަވާހިރެއްގެ ގޮތުގައެވެ. އަދި ފޫނުބެއްދޭނެވަރުގެ ގެއްލުމެއްގެ ގޮތުގައެވެ.
