ގްލޫޓެން އިންޓޮލަރެންސް އަކީ ގްލޫޓެން ކެއުމަށްފަހު ހަށިގަނޑަށް ދިމާވާ އުނދަގޫތަކެވެ. ބޮލުގައި ރިއްސާ، ގޭސް ނުވަތަ ވަރުބަލިކަން އިހުސާސް ކުރެވުމަކީ ގްލޫޓަން އިންޓޮލަރަންސްގެ ބައެއް އަލާމާތެވެ.ގްލޫޓެން އަކީ ގިނަ ކާނާތަކުގައި ހާއްސަކޮށް ހަނޑުލުގައި ހިމެނޭ ޕްރޮޓީނެކެވެ. ގްލޫޓެން އިންޓޮލަރެންސް އަށް ނޮން ސީލިއަކް ގްލޫޓެން ސެންސިޓިވިޓީ ވެސް ކިޔައެވެ. އެއީ ސީލިއަކް ބަލި ނުވަތަ ހަނޑުލުގެ އެލާޖީ އާއި އެއްގޮތް ކަމެއް ނޫނެވެ. އެމެރިކާގެ އާބާދީގެ %6 އެއްހާ މީހުންނަކީ ގްލޫޓެން އިންޓޮލަރެންޓް މީހުންނެވެ.
ގްލޫޓެން އިންޓޮލަރެންސް އަކީ ކޮބައި ހެއްޔެވެ؟
ޕްރޮޓީންގެ ވައްތަރެއް ކަމަށްވާ ގްލޫޓެން ކެއުމަށްފަހު ހަށިގަނޑަށް އުނދަގޫތަކާ ކުރިމަތިވެ ބަލިވާނަމަ ގްލޫޓެން އިންޓޮލަރެންސް ހުރުން އެކަށީގެންވެއެވެ. ވަރުބަލިކަން، މޭނުބައިކުރުން ނުވަތަ ބަނޑުފުއްޕާ ބަނޑަށް އުނދަގޫވުން ކުރިމަތިވެދާނެއެވެ. ގްލޫޓެން އިންޓޮލަރެންސް އަށް ކިޔާ އަނެއް ނަމަކީ ނޮން ސީލިއަކް ގްލޫޓެން ސެންސިޓިވިޓީ (އެންސީޖީއެސް) އެވެ.
ގްލޫޓެން އަކީ ކޮބައި ހެއްޔެވެ؟
ގްލޫޓެން އަކީ ހަނޑުލާއި ބާލީ އާއި ރައި އަދި އެހެނިހެން ގޮވާމުގެ ބާވަތްތަކުގައި ހިމެނޭ ޕްރޮޓީނެކެވެ. އެއީ ޕާސްތާ، ސީރިއަލް އަދި ހަނޑޫ ފަދަ އާންމު ކާނާއާއި ބުއިންތަކުގައި ހިމެނޭ އެއްޗެކެވެ. ވިޓަމިން، ކޮސްމެޓިކްސް އަދި ބައެއް ބޭސްތަކުގައި ވެސް ގްލޫޓެން ހުރެދާނެ އެވެ.
ގްލޫޓެން އިންޓޮލަރެންސް އާއި ސީލިއަކް ޑިޒީޒް އަކީ އެއް ކަމެއް ހެއްޔެވެ؟
ގްލޫޓެން އިންޓޮލަރެންސް އާއި ސީލިއަކް ޑިޒީޒް ތަފާތެވެ. ސީލިއަކް ބަލި ހުންނަ މީހުންނަށް ގްލޫޓެން އަށް އޮޓޯއިމިއުން ރެސްޕޮންސް ލިބެއެވެ. މާނައަކީ އެމީހުންގެ ހަށިގަނޑުން ގްލޫޓެންއާ ދެކޮޅަށް ހަނގުރާމަ ކުރަން މަސައްކަތް ކުރަނީ އެއީ ވައިރަހެއް ފަދައިންނެވެ. މި ރިއެކްޝަންގެ ސަބަބުން ދުޅަވެ އެމީހުންގެ ހަޖަމުކުރާ ނިޒާމަށް ގެއްލުން ލިބެއެވެ. ސީލިއަކް ބައްޔަކީ އާދަޔާ ހިލާފު ޖީނެއްގެ ނަތީޖާއެވެ. ސީލިއަކް ބަލި ހުންނަ މީހުންގެ ލޭގައި ވެސް ވަކި އެންޓިބޮޑީތަކެއް ހުންނައިރު، އެއީ ގްލޫޓެންއާ ދެކޮޅަށް ހަނގުރާމަކުރާ މާއްދާތަކެކެވެ.
ގްލޫޓެން ސެންސިޓިވިޓީ އާއި ސީލިއަކް ޑިޒީޒްގެ ސަބަބުން އެއް އަލާމާތްތައް ވަރަށް ގިނައިން ފެނެ އެވެ. އެކަމަކު ގްލޫޓެން ސެންސިޓިވިޓީ ހުންނަ މީހުންގެ ލޭގައި އާދަޔާ ހިލާފު ޖީނެއް ނުވަތަ އެންޓިބޮޑީއެއް ނުހުރެއެވެ.
ގްލޫޓެން އިންޓޮލަރެންސް އަކީ ގްލޫޓެން އެލާޖީއެއް ހެއްޔެވެ؟
އިންޓޮލަރެންސް އާއި ކާނާގެ އެލާޖީ އެއްގޮތެއް ނޫނެވެ. ހަނޑުލުގެ އެލާޖީ ފަދަ ކާނާގެ އެލާޖީ އަކީ ވަކި ކާނާއެއް ކެއުމަށްފަހު ދިފާއީ ނިޒާމު މާބޮޑަށް ރިއެކްޓް ވުމެވެ. އެލާޖީއެއްގެ ސަބަބުން ހިރުވުމާއި، ހޮޑުލުން ނުވަތަ ނޭވާ ކުރުވުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ. ގްލޫޓެން އިންޓޮލަރެންސް އަކީ ގްލޫޓެން އަށް އެލާޖީއެއް ނޫނެވެ.
ގްލޫޓެން އިންޓޮލަރެންސް ޖެހެނީ ކޮންބައަކަށް ހެއްޔެވެ؟
ކޮންމެ މީހަކަށްވެސް ގްލޫޓެން އިންޓޮލަރެންސް ޖެހިދާނެ ކަމަށާއި، ނަމަވެސް މިއީ އަންހެނުންގެ ތެރޭގައި ގިނައިން ދިމާވާ ކަމެކެވެ. ބައެއް މީހުން އުފަންވަނީ ގްލޫޓެން އިންޓޮލަރެންސް އެއް ހުންނަ ބައެއްގެ ގޮތުގައެވެ؛ އަނެއް ބަޔަކު އުމުރުގަގެ ކޮންމެވެސް ހިސާބެއްގައި އެކަން ކުރިމަތިވެއެެވެ.
ގްލޫޓެން އިންޓޮލަރެންސް މެދުވެރިވަނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟
ގްލޫޓެން އިންޓޮލަރެންސް އަށް މެދުވެރިވާ ސީދާ ސަބަބުތައް ރަނގަޅަށް މިހާތަނަށް އަދި ހޯދިފައެއް ނެތެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މީހުން ގްލޫޓެން އަށް ސެންސިޓިވް ނުވެ، ގިނަ ކާނާތަކުގައި ހުންނަ ވަކި ކާބޯހައިޑްރޭޓަކަށް ސެންސިޓިވްވެއެވެ.
އެހެން ދިރާސާތަކުން ދައްކާ ގޮތުގައި ހަނޑުލުގެ ސަބަބުން ބައެއް މީހުންގެ ހަޖަމުކުރާ ނިޒާމުގެ ލައިނިން އަށް އަސަރު ކޮށްފާނެ އެވެ. މި ލައިނިންގ އަކީ އާންމުކޮށް ގޮހޮރުން ބެކްޓީރިއާ ލީކު ނުވާނެ ގޮތަށް ބެހެއްޓޭ އެއްޗެކެވެ. އެކަމަކު ގްލޫޓެން އިންޓޮލަރެންސް ހުންނަ މީހުންގެ ގައިގައި ލައިނިން މަސައްކަތް ކުރަން ޖެހޭ ގޮތަށް ނުކުރާތީ އެމީހުންގެ ލޭ ނުވަތަ ފުރަމޭއަށް ބެކްޓީރިއާ ވަދެ ގެއްލުންވަނީއެވެ.
ގްލޫޓެން އިންޓޮލަރެންސްގެ އަލާމާތްތަކަކީ ކޮބައިތޯ؟
ގްލޫޓެން ބޭނުންކުރުމަށްފަހު އެތައް ގަޑިއިރެއް ނުވަތަ ދުވަސްތަކެއް ވަންދެން ތިރީގައިވާ އަލާމާތްތައް މީހުންނަށް ފެނިދާނެއެވެ.
ބަނޑުގައި ރިއްސުން.
ލޭމަދުވުން.
ކަންބޮޑުވުން.
ބޮލުގައި ރިއްސުން ނުވަތަ ގޭސް ހުރުން.
ސިކުނޑީގެ ފޮގް، ނުވަތަ ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުން.
ފިކުރުބޮޑުވުން.
ބޭރަށްހިންގުން ނުވަތަ ބަނޑުހަރުވުން
ވަރުބަލިކަން.
ބޮލުގައިރިހުން.
ހުޅުތަކުގައި ރިއްސުން.
މޭނުބައިކުރުމާއި ހޮޑުލެވުން.
ހަންގަނޑުގައި ރޭޝް ނެގުން
ގްލޫޓެން އިންޓޮލަރެންސް ހުންނަ ގިނަ މީހުންނަށް ވެސް އިރިޓެބަލް ބަވަލް ސިންޑްރޯމް (އައިބީއެސް) ކުރިމަތިވެއެވެ.
ގްލޫޓެން އިންޓޮލަރެންސް ފާހަގަކުރެވެނީ ކިހިނެއް ހެއްޔެވެ؟
ސިއްހީ ހިދުމަތްދޭ ފަރާތުން އަލާމާތްތަކާއި މެޑިކަލް ހީސްޓްރީ ވަރަށް ފަރުވާތެރިކަމާއެކު މުރާޖަޢާކުރެއެވެ. އެމީހުންނަށް ޝައްކު ކުރެވޭ ގޮތުގައި ގްލޫޓެން އިންޓޮލަރެންސް ވާނަމަ، މިއީ ޑައިގްނޯސިސް ކަށަވަރު ކުރުމަށް ދެން އަޅަންޖެހޭ ފިޔަވަޅުތަކެވެ.
ފިޔަވަޅު 1: ގާތްގަނޑަކަށް ހަ ހަފްތާ ވަންދެން ގްލޫޓެން ހިމެނޭ ޑައިޓެއް ކެއުން. މި ދުވަސްވަރު ސިއްހީ ހިދުމަތްދޭ ފަރާތުން ލޭގެ ޓެސްޓުތަކާއި ހަމުގެ ޓެސްޓްތައް ހަދައިގެން ހަނޑުލުގެ އެލާޖީ ނުވަތަ ސީލިއަކް ބައްޔެއް ހުރިތޯ ޔަގީންކުރެއެވެ. ގްލޫޓެން އިންޓޮލަރެންސް ޓެސްޓެއްނަހަދާނެއެވެ.
2 ވަނަ ފިޔަވަޅު: ހަނޑުލުގެ އެލާޖީ ނުވަތަ ސީލިއަކް ބައްޔެއް ނެތްނަމަ، މަދުވެގެން ހަ ހަފްތާ ވަންދެން ގްލޫޓެން ކެއުން ހުއްޓާލުމަށް ސިއްހީ ހިދުމަތްދޭ ފަރާތުން އެދޭނެއެވެ. މި ދުވަސްވަރު އަލާމާތްތައް ފުރިހަމައަށް ރެކޯޑްކޮށް، ރަނގަޅުވާ އަލާމާތްތަކަކީ ކޮބައިކަން ފާހަގަކޮށް ބެލެހެއްޓުން.
3 ވަނަ ފިޔަވަޅު: ގްލޫޓެން ފްރީ ޑައިޓެއްގައި އުޅޭއިރު އަލާމާތްތައް ރަނގަޅުވެއްޖެނަމަ މަޑުމަޑުން އަލުން ގްލޫޓެން އަލުން ޑައިޓަށް ވައްދައެވެ. އަލާމާތްތައް އަނބުރާ ފެނިއްޖެނަމަ ގްލޫޓެން އިންޓޮލަރެންސް ހުރުމަކީ އެކަށީގެންވާކަމެކެވެ.
ގްލޫޓެން އިންޓޮލަރެންސް އަށް ފަރުވާ ދެނީ ކިހިނެއް ހެއްޔެވެ؟
ގްލޫޓެން އިންޓޮލަރެންސް އަށް ފަރުވާއެއް ނެތެވެ. އެކަމަކު ގިނަ މީހުންނަށް އަލާމާތްތަކުން ލުއި ލިބެނީ ގްލޫޓެން ފްރީ ޑައިޓެއް ބޭނުންކޮށްގެނެވެ. ޑައިޓް ޕްލޭން ކުރުމަށް ސިއްހީ ހިދުމަތްދޭ ފަރާތާއި ޑައިޓީޝަނަކާ ގުޅިގެން މަސައްކަތް ކުރަން ޖެހެ އެވެ.
އަދި ކެއުމަށް ޕްރޮބަޔޮޓިކްސް އިތުރުކުރުމާ ބެހޭ ގޮތުން ސިއްހީ ހިދުމަތްދޭ ފަރާތާ ސުވާލު ކުރެވިދާނެ އެވެ. ޕްރޮބަޔޮޓިކްސް އިން ގޮހޮރުގައި ހުންނަ ރަނގަޅު ބެކްޓީރިއާ އިތުރުކުރުމަށް އެހީތެރިވެދެއެވެ. އެއީ ފުއްޕާމޭ، ގޭސް ނުވަތަ ބަނޑުހައިވުމުގެ އަލާމާތްތައް ކުޑަވެދާނެ ކަންކަމެވެ.
ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ވަކި އެންޒައިމްތަކެއް ބޭނުންކުރުމަކީ ގްލޫޓެން ހަޖަމުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެކަމަކު ތަޖުރިބާކާރުން އަދިވެސް ދަނީ މި ފަރުވާ ތަހުގީގު ކުރަމުންނެވެ. އެއްވެސް އެންޒައިމެއް ކެއުމުގެ ކުރިން ސިއްހީ ހިދުމަތްދޭ ފަރާތާ ވާހަކަ ދެއްކުންމުހިންމެވެ.
ގްލޫޓެން ފްރީ ޑައިޓެއް ކެއުމުން ސިއްހީ ނުރައްކާތަކެއް ހުރޭ ހެއްޔެވެ؟
ދިރާސާތަކުން ދައްކާ ގޮތުގައި ގްލޫޓެން ފްރީ ޑައިޓެއް ކެއުމުން ދިމާވާ ކަންތައްތައް އިތުރުވެދާނެ އެވެ:
ހައިޕަރގްލައިސެމިއާ (ލޭގައި ހަކުރު މަތިވުން) ނުވަތަ ޓައިޕް 2 ހަކުރުބަލި.
ފައިބަރު މަދުވުން ފަދަ ނިއުޓްރިޝަނަލް ޑެފިޝަންސީތަކެވެ.
