އޭއެފްސީ ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާ ކިންގްސް އަތުން ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެއެވެ. މި މެޗުން މާޒިޔާ މޮޅުވީ 3-1 އިންނެވެ.

މިއީ މިދިޔަ ހަތަރު އަހަރު ބަންގްލަދޭޝްގެ ލީގު ޗެމްޕިއަންކަން ހޯދީ ބަޝުންދަރާ އަތުން ރާއްޖޭގެ ޓީމެއް މޮޅުވި ފުރަތަމަ ފަހަރެވެ. މީގެކުރީން، މާޒިޔާއާ ދެކޮޅަށް ބަޝުންދަރާ ކުޅުނު ދެ މެޗު ވަނީ ކާމިޔާބުކޮށްފައެވެ.

މާޒިޔާ އިން މިއަދުގެ މެޗަށް ނިކުތްއިރު އެ ޓީމުގައި ހިމެނޭ ބިދޭސީ ހަ ކުޅުންތެރިން ވަނީ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ. އެ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އާއި ނާއިޒް ހަސަން (ދާދު) އަދި އަލީ ފާސިރު (ސެންޓޭ) ފެށީ ބެންޗުންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު މެންދުރު ފަހު ތިނެއްޖެހިއިރު ފެށި މި މެޗުގައި މާޒިޔާ އިން ލީޑްނެގީ 15 ވަނަ މިނެޓުގައި ސާބިއާގެ ފޯވާޑް، ވޮޖިސްލާފް ބަލަބަނޮވިޗް ވައްދާލި ލަނޑުންނެވެ. މިއީ ބަޝުންދަރާގެ ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ހަމަލާއަކުން ބަލަބަނޮވިޗް ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 67 ވަނަ މިނެޓުގައި މާޒިޔާގެ ދެވަނަ ލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ހަސަން ނަޒީމް (ޗޯޓު) އެވެ. މިއީ ޕެނަލްޓީއޭރިޔާ ރޮނގުކައިރިން އެއްފަހަރުން ފޮނުވާލައިގެން ޗޯޓު ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި މާޒިޔާގެ ތިންވަނަ ލަނޑު، ސެންޓޭ ކާމިޔާބުކޮށްދިނީ ދާދު ދިން ޕާހަކުންނެވެ. މި ލަނޑުޖެހިތާ މިނެޓެއްނުވަނީސް، ބަޝުންދަރާ އަށް ސުން ކަނޑުވާލައިދިނީ މުޙައްމަދު އިބްރާހިމް އެވެ. 

މި މުބާރާތުގައި މާޒިޔާ އަށް ދެން އޮތީ އަންނަ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު އިންޑިއާގައި މޯހަން ބަގާން ސުޕަ ޖަޔަންޓްއާ ދެކޮޅަށް ކުޅޭ މެޗެވެ.