ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރޭ އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ރޯޔަލް އެންޓްވާޕް އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެއެވެ.

މިއީ ބާސެލޯނާ އިން މި ފަހަރުގެ ސީޒަނުގައި 5-0 ގެ ތަފާތަކުން މޮޅުވި ދެވަނަ ފަހަރެވެ. އެ ޓީމުން ލީގުގައި މި ހަފްތާގައި 5-0 އިން ވަނީ ރެއާލް ބެޓިސް ބަލިކޮށްފައެވެ.

ބާސެލޯނާ އިން ލީޑްނެގީ 11 ވަނަ މިނެޓުގައި ޕޯޗުގަލްގެ ޔާއޯ ފެލިކްސް ކާމިޔާބުކުރި ގޯލުންނެވެ. އޭގެ 8 މިނެޓުފަހުން، ބާސެލޯނާގެ ދެވަނަ ލަނޑު، ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކުރިއިރު އެ ލަނޑުޖެހުމަށް އެހީތެރިވެދިނީ ފެލިކްސް އެވެ. މި ގޯލާއެކު ލެވަންޑޯސްކީ ވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި 100 ލަނޑުޖެހި ތިންވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ކުރިން މި ރެކޯޑް އޮންނާނީ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ބާސެލޯނާ އިން ކާމިޔާބުކުރި ތިންވަނަ ގޯލަކީ އެންޓްވާޕްގެ ޖެލޭ ބަޓައިލޭ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިއީ ވަރަށް ހަނި އޭންގަލަކުން ބާސެލޯނާގެ ބްރެޒިލް ވިންގް، ރަފީނިއާ ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ބަޓައިލޭގެ ގައިގަ ޖެހިފައި ވަތް ގޯލެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރީން، އެންޓްވާޕް އަށް ލަނޑެއްޖަހައިދޭން އާބްނޯ މުޖާ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ބާސެލޯނާގެ ކީޕަރު، މާކް އަންދްރެ ޓަ ސްޓެގަން ހުއްޓުވިއެވެ.

 

ދެވަނަ ހާފުގެ ކުޅުން ފެށިތާ ނުވަ ވަރަކަށް މިނެޓުގެ ތެރޭގައި ބާސެލޯނާގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ސްޕެއިނުގެ މިޑްފީލްޑަރު، ގަވީ އެވެ. އަދި އޭގެ 11 މިނެޓުފަހުން، މެޗުގެ 65 ވަނަ މިނެޓުގައި ފެލިކްސް ވަނީ އިތުރު ގޯލެއްޖަހައި ބާސެލޯނާ އަށް ފަސޭހަ މޮޅެއް ހޯދައިދީފައެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ބައްދަލުކުރި މެޗުގައި ޔޫކްރޭންގެ ޝަހުތަރު ޑޮނެސްކް އަތުން ޕޯޗުގަލްގެ އެފްސީ ޕޯޓޯ މޮޅުވީ 3-1 އިންނެވެ. ޔޫކްރޭންގައި ހިނގާ ހަނގުރާމައިގެ ސަބަބުން ޖަރުމަނުގެ ހެމްބާގްގައި ކުޅުނު މި މެޗުގައި ޕޯޓޯއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކުރީ ގަލޭނޯ އެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ އީރާންގެ ފޯވާޑް، މެހްދީ ތަރޭމީ އެވެ. ޝަހުތަރުގެ ހަމައެކަނި ލަނޑުޖަހައިދިނީ ކެވިން ކެލްސީ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ގްރޫޕް ޖީ ގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ވަނީ ފަހަތުންއަރައި 3-1 އިން ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް އަތުން މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ރެޑް ސްޓާގެ އޮސްމާން ބުކާރީގެ ލަނޑުން އެ ޓީމު ލީޑްނަގާފައިވަނިކޮށް، ދެވަނަ ހާފުގެ ކުރީކޮޅު ސިޓީން އެއްވަރުކުރީ އާޖެންޓީނާގެ ފޯވާޑް، ހޫލިއަން އަލްވަރޭޒް ކާމިޔާބުކުރި ގޯލުންނެވެ. އަދި އޭގެފަހުން، މެޗުގެ 60 ވަނަ މިނެޓުގައި ރެޑް ސްޓާގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާނަގައި ސިޓީގެ ދެވަނަ ލަނޑުޖަހައިދިނީ ވެސް އަލްވަރޭޒް އެވެ. އޭނާ މި ލަނޑުޖެހީ ހިލޭޖެހުމަކުންނެވެ. މި މެޗުގައި ސިޓީން ޖެހި ތިންވަނަ ލަނޑު، 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮޑްރީ އެވެ.

ގްރޫޕް ޖީ ގައި ދެން ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުން ސްވިޒަލެންޑްގެ ޔަންގް ބޯއީސް އަތުން ޖަރުމަނުގެ އާރްބީ ލީޕްޒިގު މޮޅުވީ ވެސް 3-1 އިންނެވެ.