ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ތިންއިރު ހަމަޔަށް ކެއުމަކީ މުހިންމު ކަމެކެވެ. ހަމައެފަދައިން ގަޑިންގަޑިއަށް ކެއުމަކީވެސް ނުހަނު ބޭނުންތެރިކަމެކެވެ. ޚާއްސަކޮށް ހެނދުނުގެ ނާސްތާއާއި ރޭގަނޑުގެ ކެއުމަށް ޙާއްސަ އިސްކަމެއްދޭންޖެހެއެވެ. ހެނދުނުގެ ނާސްތާއަކީ ދުވަސް ފަށައިގަތުމަށްޓަކައި ބޭނުންވާ ހަކަތަ ލިއްބައިދީ މަސައްކަތައް ދޭންޖެހޭ ސަމާލުކަން އިތުރުކޮށްދިނުމަށް މުހިންމު އެއްޗެކެވެ. އެހެންކަމުން ހެނދުނުގެ ނާސްތާއަށް ހަށިގަނޑަށް ފައިދާހުރި ލުއިކާނާއެއް ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމައެއާއެކު ރޭގަނޑުގެ ކެއުންވެސް ވަކިވަގުތެއްގެ ކުރިން ކާންޖެހެއެވެ. އެހެނީ ރޭގަނޑު ލަހުން ކެއުމަކީ ކާއެއްޗެހި ހަޖަމަކުރުމުގައި މައްސަލަތައް ކުރިމަތިވާނެކަމެކެވެ.

ބައެއް ދިރާސާތަކުން ދައްކާގޮތުގައި ރޭގަނޑު އަވަހަށް ކެއުމުން ކާއެއްޗެހި ހަޖަމަކުރުމަށާއި އަނެއްދުވަހު ހެނދުނު ބޮޑުކަމުދިޔުމަށް ފަސޭހަވެއެވެ. ނަމަވެސް ރޭގަނޑު ލަހުން ކާމީހުންނަށް ކާއެއްޗެހި ހަޖަމްކުރުމަށާއި ބޮޑުކަމުދިއުމުގައި އުނދަގޫތައް ކުރިމަތިވެއެވެ. މިކަން ދިރާސާކުރުމަށްޓަކައި ޔުނިވަރސިޓީއެއްގެ ބާރަ ދަރިވަރުން އިސްނަގައިގެން މިކަން ތަހުލީލުކުރުމުގައި ބައިވެރިވިއެވެ. އެގޮތުން ބާރަކުދިންގެ ތެރެއިން ހަކުދިން ރޭގަނޑުގެ ކެއުން ހަވީރު 06:00 ގައި ނެގުމަށްފަހު އަނެއްބައި ކުދިން ރޭގަނޑުގެ ކެއުން 11:00 ގައި ކެއެވެ. އަދި ދެބައި މީހުންގެ ވެސް އަންއެބްޒޯރބްޑް ޑައިޓްރީ ކާބޯހައިޑްރޭޓްސް އާއި ޑައިޓްރީ ކާބޯހައިޑްރޭޓްސް ހުރި މިންވަރު އަންދާޒާކުރުމަށްޓަކައި 'ބްރެތް ހައިޑްރޮޖަން ޓެސްޓް' އެއް ހެދިއެވެ. އަދި އަނެއްދުވަހުގެ ހެނދުނުގެ ނާސްތާއަށްފަހު ބޮޑުކަމުދިއުމަށްޓަކައި އޮކްސިޖަން ބޭނުންވާ މިންވަރު ބެލުމަށްޓަކައި 'ރެސްޕިރޭޓަރީ ކޯޓިއެންޓް' ޓެސްޓް ހެދިއެވެ. އަދި ބްލަޑް ގުލްކޮޒް މީޓަރއެއް ބޭނުންކޮށްގެން ކެއުމަށްފަހު ލޭގައި ހަކުރު އެކުލެވިފައިވާ މިންވަރު ބެލިއެވެ.

މިގޮތުން މިދިރާސާގެ ނަތީޖާއަށް ބަލާލާއިރު ރޭގަނޑު ލަހުން ކެއި ހަކުދިންގެ ކާއެއްޗެހި ހަޖަމްކުރުމުގައާއި އަނެއްދުވަހު ހެނދުނު ބޮޑުކަމުދިއުމަށް އުނގަދޫވިކަން ފާހަގަކުރެވުނެވެ. ނަމަވެސް އަވަހަށް ރޭގަނޑު ކެއި ހަކުދިންނަށް މިދެންނެވުނު ކަންކަން ފަސޭހަވެގެން ދިޔައެވެ. އަދި ދެބައިމީހުންގެ ލޭގައި ހަކުރު އެކުލެވިގެންވާ މިންވަރު ތަފާތެވެ. ފާހަގަކުރެވުނު ގޮތުގައި ހަކުރުލެވެލް ރޭގަނޑު އަވަހަށް ކެއި ކުދިންނަށްވުރެ ލަހުން ކެއި ކުދިންގެ މައްޗެވެ.

އެހެންކަމުން މިދިރާސާއިން ނެރުނު ނަތީޖާއިން ދައްކައިދިނީ ގަޑިންގަޑިއަށް ނުވަތަ ލަސްނުކޮށް ކެއުމަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި މުހިއްމު ކަމެއްކަމެވެ.