ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 2-0 އިން ފްރާންސްގެ ޕީއެސްޖީ މޮޅުވިއިރު، އޭސީ މިލާންއާ ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު ލަނޑެއްނުޖެހި އެއްވަރުވެއްޖެއެވެ.
ރޭގެ މެޗަކީ މި ފަހަރުގެ ސީޒަނުގައި ޕީއެސްޖީ އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވި ތިންވަނަ މެޗެވެ. އެ ޓީމު އެންމެ ފަހުން މި ހަފްތާގައި އަމިއްލަ ދަނޑުގައި ނީސް އަތުން 3-2 އިން ބަލިވި މެޗަކީ ޕީއެސްޖީގެ ކޯޗުކަމާ ލުއިސް އެންރީކޭ ހަވާލުވިފަހުން ބަލިވި ފުރަތަމަ ފަހަރު ވެސް މެއެވެ.
ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު، ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ޑޯޓްމަންޑްގެ ނިކްލަސް ސޫލޭގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ. މި ޕެނަލްޓީއާއެކު އެމްބާޕޭ ވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުގައި ޖެހި ލަނޑުގައި އަދަދު 11 އަށް އަރާފައެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ޕީއެސްޖީގެ ދެވަނަ ލަނޑުޖަހައިދިނީ ވިޓީނިއާ ދިން ޕާހަކުން އަޝްރަފް ހަކީމީ އެވެ. މިއީ ޑޯޓްމަންޑްގެ ކީޕަރު ބޯ މަތިން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ހަކީމީ ކާމިޔާބުކުރި ރީތި ގޯލެކެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި 20 އަހަރުގެ މެދުކެނޑުމަކަށްފަހު ޗެމްޕިއަންސް ލީގުގައި ކުޅުނު ނިއުކާސަލް ވަނީ މިލާންގެ ދަނޑުގައި މުހިއްމު ޕޮއިންޓެއް ހޯދާފައެވެ. މި މެޗުގައި މިލާނުގެ ހަމަލާތައް ނާކާމިޔާބުކޮށްލުމުގައި ނިއުކާސަލްގެ ކީޕަރު، ނިކް ޕޯޕް ވަނީ ގިނަ ސޭވްތަކެއް ކޮށްފައެވެ.
މި މުބާރާތުގައި ރޭ ގްރޫޕް އީ ގައި ހިިމެނޭ ފެޔަނޫޑުން ވަނީ 2-0 އިން ސެލްޓިކް ބަލިކޮށްފައެވެ. އެ ގްރޫޕްގައި ކުޅުނު އަނެއް މެޗުގައި އަމިއްލަ ދަނޑުގައި ލާޒިއޯގެ ކީޕަރު، އިވާން ޕްރޮވީޑެލް އިތުރުވަގުތުގައި ޖެހި ލަނޑާއެކު އެ ޓީމުން ވަނީ 1-1 އިން އެތުލެޓިކޯ މެޑްރިޑާ އެއްވަރުކޮށްފައެވެ.
