އިންސޯމްނިއާ އަކީ ބައްޔެކެވެ. މިއީ ހަގީގަތެކެވެ. މިއީ ނިދަން އުނދަގޫ ކުރުވާ ބައްޔެކެވެ. ނިދުމަށްފަހު އަވަސްއަވަހަށް ހޭލައްވާ ބައްޔެކެވެ. ހޭލެވުމަަށްފަހު ނިދަން އުނދަގޫކުރާ ބައްޔެކެވެ. ނިދި ހަމަ ނުކޮށްދޭ ބައްޔެކެވެ. ނިދިޔަ ނުދޭ ބައްޔެކެވެ. މި ބަލި ތަހައްމަލު ކުރާ މީހާއީ ޝަކުވާތަކެއް ކުރާ މީހެކެވެ. އަދި އޭނާ އެދައްކަނީ ބަހަނާއެއް ނޫނެވެ. އެއީ ހަގީގަތެކެވެ. މިއީ ސިއްހީ އެހީތެރިކަން ބޭނުންވާ ކަމެކެވެ.

އެވްރެޖް އިންސާނަކަށް ބޭނުންވާ ނިންޖަކީ ރޭގަނޑު ނިދިން ހަތް ގަޑިއިރާއި އަށްގަޑިއިރުގެ ނިންޖެވެ. ނަމަވެސް މިއީ އެކި އިންސާނުންނަށް ތަފާތުވެދާނެ އަދަދެކެވެ.

އިންސޯމްނިއާ ގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ، ނިދަން އޮތުމަށްދަހުގައިވެސް ނިދި ނައުމާއި، ނިދުމަށްފަހު އަވަސް އަވަހަށް ހޭލެވުމާއި، ނިދި ހަމަނުވަނީސް ހޭލެވި ނިދި ފިލުމާއި، ދުވާލުގެ ވަގުތު ވަރުބަލިކަމާއި ކަންނެތްކަން އިހުސާސް ކުރެވުމާއި، ކަންކަމަށް ސަމާލުކަން ނުދެވުމާއި، ކަންކަމާއި ފަސޭހައިން ރުޅި އައުމާއި އަދި ގަސްތަކާ ނުލާ ކުދިކުދި ގޯސްތައް ހެދުންފަދަ ކަންކަން ހިމެނެއެވެ.

ދިރިއުޅުމުގެ އާއްމު އުޅުމަށް އުނދަގޫ ކުރާ މިފަދަ ބައެއް ކަންކަން ތަކުރާރުވެ ގިނަދުވަސްވާނަމަ ސިއްހީ ފަރުވާ ހޯދަން ވާނެއެވެ. ޑަކްޓަރެއްގެ ލަފާ ހޯދަން ވާނެއެވެ. އެހެނީ މިއީ ބައްޔެއްގެ އަލާމާތެކެވެ.

އިންސޯމްނިއާ މެދުވެރިވުމަށް ދިމައިވާ ސަބަބުތައް ވަރަށްވެސް ގިނައެވެ. އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަން ދަށްވުމަކީ މި ބަލި ޖެހުމަށް މެދުވެރިވާ ސަބެކެކެވެ. އޭގެ ތެރޭގައި ހާސްކަމާއި ނުތަނަވަސްކަމާއި ނަފްސާނީ ބިރުވެރިކަން ފަދަ ކަންކަން ހިމެނެއެވެ. އަދި ޖިސްމާނީ ބައެއް ސަބަބުތަކުގެ ސަބަބުންވެސް އިންސޯމްނީއާ ޖެހެއެވެ. ބައެއްކަހަލަ ބޭސްތަކުގެ ސަބަބުންވެސް މި ބަލީގެ އަލާމާތްތައް ފެނިދާނެއެވެ.

މިއީ ޑަކްޓަރުގެ ލަފައާއި އިރުޝާދުގެ މަތިން، ބޭސް ބޭނުން ނުކޮށްވެސް ފަސޭހަކޮށް ރަނގަޅު ކުރެވިދާނެ ބައްޔެކެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ޑަކްޓަރު ބޭސް ވެސް ލިޔެދީފާނެއެވެ. ދަންނަންވީ ކަމަކީ ނިންޖަން އުނދަގޫކޮށް، ނިދިހަމަނުވެ، ދުވަހުގެ އާއްމު ދިރިއުޅުމަށް އެކަމުގެ ސަބަބުން އަސަރު ކުރާނަމަ، މިއީ ބައްޔެއްގެ އަލާމާތެއްކަމެވެ. މިއީ ޝަކުވާތަކެއް ނޫން ކަމެވެ.