ސޯމާލިއާއަށް އުފަން ހަލީމާ އާޑެން މޮޑެލް ކުރުން ހުއްޓާލަން ނިންމައިފިއެވެ. ރިހާނާގެ ފެންޓީ ބިއުޓީ އަދި ކާންޔޭ ވެސްޓުގެ ޔީޒީ ފަދަ ބޮޑެތި ބްރޭންޑްތަކަށް މޮޑެލްކޮށްފައިވާ ހަލީމާ ހާމަކުރިގޮތުގައި ފެޝަން އިންޑަސްޓްރީގެ ސަބަބުން އޭނާ އަށްވަނީ ދީނީ ކިތަންމެ ކަމެއް ގުރުބާންކުރަން މަޖުބޫރުވެފައި ކަމަށެވެ.

2017 ވަނަ އަހަރު އުމުރުން 19 އަހަރުގައި ނިއުޔޯރކް ފެޝަން ވީކުން ފުރަތަމަ ފަހަރަށް މޮޑެކް ކުރުމުގެ ދުނިޔެއަށް ނިކުތް ހަލީމާ ވަނީ ބްރިޓިޝް ވޯގް ގެ ސްޕޯރޓްސް އިލަސްޓްރޭޝަން އަދި އެމެރިކާގެ އަންހެނުންނަށް ހާއްސަ މެގަޒިން އެލުއަރ ގައި އެންމެ ފުރަތަމަ މޮޑެލްކުރި ބުރުގާއެޅި މޮޑެލްގެ މަގާމް ހާސިލްކޮށް ތާރީހުގެ ތެރެއަށް ގޮސްފައެވެ.

މިހާރު އުމުރުން 23 އަހަރުގެ ހަލީމާ އަކީ ސޯމާލިއާ ދެމަފިރިއަކަށް ކެންޔާގެ ރެފިއުޖީ ކޭމްޕެއްގައި އުފަންވި ކުއްޖެކެވެ. ހަލީމާ އޭނާގެ އިންސްޓަގްރާމް ގައި ހާމަކުރި ގޮތުގައި އޭނާގެ ނަފްސު އޭނާ އަށް ގެއްލެމުންދާ ހެން ހީވުމާއިއެކު އޭނާގެ މޮޑެލް ކުރުމުގެ ކެރިއަރއާ މެދު ފުންކޮށް ވިސްނަންޖެހުނީއެވެ. އަދި ޕެންޑަމިކްގެ ތެރޭގައި އޭނާއަށް ފުންކޮށް ކަންތައްތައް ދެނެގަތުމުގެ ފުރުސަތު ލިބުނު ކަމަށާޢި ފެޝަން މޮޑެލްއެއްގެ ގޮތުގައި އިތުރަށް މަސައްކަތް ކޮށްފިނަމަ އޭނާގެ ބުރުގާއެޅުމުގެ މާނަ އޮޅި އޭނާ ގެއްލިދާނެކަން ގަބޫލްކުރާ ކަމަށެވެ.

ހަލީމާ ބުނިގޮތުގައި މޮޑެލް ކުރުމުގެ ސަބަބުން އޭނާއަށް ބައެއްފަހަރު ނަމާދު ގަޑިތައް ގެއްލޭކަމަށާއި އެއްފަހަރު ބުރުގާއެއްގެ ގޮތަށް އޭނާގެ ބޮލުގައި ޖިންސެއް އޮޅައިގެން ރަންވޭއަށް އަރަންޖެހުނުކަމަށެވެ. އޭނާ ބަޔާންކުރި ގޮތުގައި އެދުވަހު އޭނާ ޝޯ ނިންމާފައި ކޮޓަރިއަށްގޮސް އެކަމާއި ހިތާމަކޮށް ވަރަށް ރޮވުނުކަމަށެވެ. އޭނާއަށް ފަހުން ހެޔޮގޮތް ވިސްނުނުކަމަށާއި، އޭނާއަށް އެކަމުގައި މަގުދެއްކި މީހަކީ އޭނާގެ މަންމަ ކަމަށާއި މަންމައަށް އަބަދުވެސް ޝުކުރުވެރިވާނެކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ހަލީމާގެ ދެލޯ ރަނގަޅާށް ހުޅުވާ ހެޔޮމަގަކީ ކޮބައިކަން ދެނެގަތުމަށް މަންމަ ކިޔަމުން އަންނަތާ އަހަރުތަކެއް ވެއްޖެ ކަމަށާއި، ކޯވިޑް-19 ޕެންޑަމިކް ގެ ސަބަބުން މަސައްކަތުން ހުސްވަގުތު ކޮޅެއް ލިބި ދިރިއުޅުމާއި މެދު ވިސްނާލާނެ ފުރުސަތު ލިބި ހަގީގީ މިސްރާބް އޮޅުންފިލީތީ އޭނާ ޝުކުރުކުރާ ކަމަށެވެ. އަދި މިހާތަނަށް އޭނާއަށް ބުރުގާ އަޅައިގެން ދެވިފައި މިވަނީ ރަނގަޅު މަގުން ނޫންކަން އިހުސާސް ވެއްޖެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
ހަލީމާގެ މި ނިންމުމަށް ރިހާނާ، ޖިޖީ އަދި ބެލާ ހަދީދް ފަދަ މައްޝޫރު ތަރިންނާއި މޮޑެލްއިން ވަނީ ތާއީދުކޮށް އެކަމަށް ފަހުރުވެރިވާކަން ހާމަކޮށް ޓްވީޓްކޮށްފައެވެ.
