19 ވަނަ އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓްގައި ވާދަކުރާ ރާއްޖޭގެ އެއްވަނަ ޕެއާ ކަމަށްވާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ މުބާރާތުން ކަޓައިފިއެވެ.
މިހާރު ޗައިނާގެ ހަންގްޖޯގައި ކުރިއަށްދާ މި ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުން ރާއްޖޭގެ ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ކެޓީ ކުޅުނު ދެ މެޗުން ބަލިވުމުންނެވެ.
ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އިއްޔެ ކުޅުނީ ޗައިނާގެ އަބުދުހަލިކޭޖިއާންގ އާއި ވޫ ޖިއާޒިން ޕެއާ އާ ދެކޮޅަށެވެ. މި މެޗުން ޗައިނާގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. ޗައިނާގެ ޕެއާ އިން މި މެޗު ކާމިޔާބުކުރީ 21-11، 21-12 އިންނެވެ.
މި އިވެންޓްގައި ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ވަނީ މިއަދު ކުޅުނު މެޗުން ފިލިޕީންސްގެ ގާސިއާ އާއި ބުއިޓްރާގޯގެ ޕެއާ އަތުން ސީދާ ދެ ސެޓުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ފިލިޕީންސްގެ ޕެއާ ކާމިޔާބުކުރީ 21-11، 21-12 އިންނެވެ.
މި ފަހަރުގެ އޭޝިއަން ގޭމްސްގައި ނިސްބަތުން ވަރުގަދަ ޕެއާތަކެއް އަތުން ކުޑަކާއްޓެ އާއި އެޑަމް ބަލިވިނަމަވެސް، ދާދިފަހުން މި ދެ ކުޅުންތެރިންގެ ޕެއާ ވަނީ ބަންގްލަދޭޝްގައި ކުރިއަށްދިޔަ އެންމެ ފަހުގެ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ބީޗް ވޮލީބޯލް ޓުއާއިން ރިހި މެޑަލް ހޯދާފައެެވެ.
