19 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން އަދި ފިރިހެން ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.
މިހާރު ޗައިނާގެ ހަންގްޖޯގައި ކުރިއަށްދާ މި ގޭމްސްގެ ޓީމް އިވެންޓުން ރާއްޖޭގެ ފިރިހެން ޓީމު ބަލިވީ ޗައިނީސް ޓައިޕޭ އަތުން 3-0 އިންނެވެ. އަންހެން ޓީޓީ ޓީމު އަތުން ޗައިނީސް ޓައިޕޭގެ ޓީމު މޮޅުވީ ވެސް 3-0 އިންނެވެ.
ފިރިހެނުންގެ ޓީމް އިވެންޓްގައި ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭގެ މުޙައްމަދު ޝައްފާން އިސްމާއިލް އަތުން ޗައިނީސް ޓައިޕޭގެ ވަން-ވެއި ޕެންގް މޮޅުވީ 11-2، 22-1، އަދި 11-5 އިންނެވެ. ދެވަނަ މެޗުގައި ޗައިނީސް ޓައިޕޭގެ ޔަން-ޗެން ހުއާންގ އަތުން ރާއްޖޭގެ މޫސާ މުންސިފް އަހުމަދު ބަލިވީ 11-5، 11-5، އަދި 11-7 އިންނެވެ.
ތިންވަނަ މެޗުގައި ރާއްޖޭގެ އަޚްޔާރް އަހުމަދު ޚާލިދު އަތުން ޗައިނީސް ޓައިޕޭގެ ޗެން-ޓިން ލިއާއޯ 11-6، 11-5، އަދި 11-2 އިން ވަނީ މޮޅުވެފައެވެ.
އަންހެން ޓީމް އިވެންޓްގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އަތުން ޗައިނީސް ޓައިޕޭގެ އައި-ޗިންޗެން 11-3، 11-3، އަދި 11-1 އިން މޮޅުވިއިރު، ލައިސާ ފަތުހުﷲ އިސްމާއިލް އަތުން ޒޫ-ޔޫ ޗެން މޮޅުވީ 11-4، 11-4، އަދި 11-6 އިންނެވެ. އަދި ތިންވަނަ މެޗުގައި ފާތިމަތު ޖުމާނާ ނިމާލް އަތުން ޔޫ-ޖުން ލީ މޮޅުވީ 11-3، 11-2، އަދި 11-5 އިންނެވެ.
