19 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން އަދި ފިރިހެން ޓީމު ކުޅުނު ދެވަނަ މެޗުން ބަލިވެ، މުބާރާތުން ކަޓައިފިއެވެ.
މިހާރު ޗައިނާގެ ހަންގްޖޯގައި ކުރިއަށްދާ މި ގޭމްސްގެ ޓީމް އިވެންޓުން ރާއްޖޭގެ ފިރިހެން ޓީމު ބަލިވީ ކަޒަކިސްތާން އަތުން 3-0 އިންނެވެ. ރާއްޖޭގެ އަންހެން ޓީމު އަތުން އުތުރު ކޮރެއާ މޮޅުވީ ވެސް 3-0 އިންނެވެ.
މި ފަހަރުގެ ގޭމްސްގައ ރާއްޖޭގެ ޓީޓީ ޓީމުތަކުން އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ޗައިނީސް ޓައިޕޭ އަތުން ވަނީ ބަލިވެފައެވެ.
މިއަދު އުތުރު ކޮރެއާގެ ސުގްޔޮންގއާ ދެކޮޅަށް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ކުޅުނު މެޗުން 11-5، 13-11، އަދި 11-6 އިން ބަލިވިއިރު، ލައިސާ ފަތުހުﷲ އިސްމާއިލް އަތުން ކުމްޔޮން ކިމް މޮޅުވީ 11-1، 11-2، އަދި 11-3 އިންނެވެ. ފަހު މެޗުގައި ރާއްޖޭގެ ފާތިމަތު ޖުމާނާ ނިމާލް އަތުން ޖޮންގިމް ޗޮއެ މޮޅުވީ 11-5، 11-8، އަދި 11-2 އިންނެވެ.
ފިރިހެނުންގެ ޓީމް އިވެންޓްގައި ކަޒަކިސްތާންގެ ކިރިލް ޖެރަސިމެންކޯ އަތުން ރާއްޖޭގެ އަޚްޔާރް އަހުމަދު ޚާލިދު 11-3، 11-2، އަދި 11-5 އިން ބަލިވިއިރު، ދެވަނަ މެޗުގައި ރާއްޖޭގެ މުޙައްމަދުޝައްފާން އިސްމާއިލް އަތުން އެލަން ކުރްމަންގަލިޔޭވް މޮޅުވީ 11-8، 11-6، އަދި 11-8 އިންނެވެ. އަދި ފަހު މެޗުގައި ރާއްޖޭގެ މޫސާ މުންސިފް އަހުމަދު އަތުން ވްލަޑިސްލާވް ޒަހަރޯވް ވަނީ 11-5، 11-9، އަދި 11-7 އިން މޮޅުވެފައެވެ.
މިއަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭން ނުވަ ކުޅިވަރެއްގައި ވާދަކުރާއިރު، މި ފަހަރުގެ ގޭމްސް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ.
