ޖަރުމަނު ބުންޑެސްލީގާގައި މިރޭ އަމިއްލަ ދަނޑުގައި އިންގްލެންޑްގެ ކެޕްޓަން، ހެރީ ކޭން ކާމިޔާބުކުރި ހެޓްރިކާއެކު ބަޔާން މިއުނިކުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވީއެފްއެލް ބޯކުމް ބަލިކޮށް ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
މިއީ ލީގުގައި ބަޔާން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ހަތަރުވަނަ ފަހަރެވެ. އަނެއް މެޗުން ވީ އެއްވަރެވެ.
މި ނަތީޖާއާއެކު ބަޔާން އެއްވަނައިގައި އޮތީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު އެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި ވީއެފްބީ ސްޓުޓްގާޓް އޮތްއިރު، ތިނެއްގައި އޮތް އާރްބީ ލީޕްޒިގަށް ވެސް ލިބިފައިވަނީ 12 ޕޮއިންޓެވެ. ސްޓުޓްގާޓަށް ކުރިލިބެނީ ޖެހި ގޯލްގެ ތަފާތުންނެވެ. ފައިދާ ގޯލްގެ ތަފާތުން ހަތަރުވަނައިގައި އޮތް ހޮފެންހެއިމް އަށް ލިބިފައިވަނީ ވެސް 12 ޕޮއިންޓެވެ.
އެލިއާންޒް އެރީނާގައި ކުޅުނު މެޗުގައި ބަޔާނުން ލީޑްނެގީ ހަތަރުވަނަ މިނެޓުގައި އެރިކް މެކްސިމް ޗޫޕޯ-މޯޓިން ކާމިޔާބުކުރި ގޯލުންނެވެ. އޭނާ މި ލަނޑުޖެހީ ކިންގްސްލީ ކޯމަން ދިން ބޯޅައަކުންނެވެ.
ބަޔާންގެ ދެވަނަ ލަނޑު، 12 ވަނަ މިނެޓުގައި ކޭން ޖެހިއިރު، އޭގެފަހުން މެޗުގެ 29 ވަނަ މިނެޓުގައި ހޮލެންޑްގެ ޑިފެންޑަރު، މަތައިސް ޑި ލިޓް ވަނީ ނަތީޖާ 3-0 އަަށް ބަދަލުކޮށްލާފައެވެ. އަދި އޭގެފަހުން، ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ކޭން ދިން ބޯޅައަކުން ލެރޯއީ ސާނޭ ވަނީ ބަޔާންގެ ހަތަރުވަނަ ލަނޑުޖަހައިދީފައެވެ.
މެޗުގެ 54 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބަޔާންގެ ފަސްވަނަ ލަނޑު، ކޭން ޖަހައިދިންއިރު އޭގެފަހުން، މެޗުގެ 81 ވަނަ މިނެޓުގައި މަތީސް ޓެލް ވަނީ އެ ޓީމުގެ ހަވަނަ ލަނޑުޖަހައިދީފައެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ކޭން އެވެ.
މި މެޗުގައި ބަޔާން އިން ޖެހި ފަހު ލަނޑު، 88 ވަނަ މިނެޓުގައި ކާމިޔާބުކޮށް ކޭން ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ ބަޔާނަށް ލީގުގައި ކުޅުނު ފަސް މެޗުގައި އޭނާ ޖެހި ހަތްވަނަ ލަނޑެވެ.
