އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް އަތުން 2-0 އިން މެންޗެސްޓާ ސިޓީ މޮޅުވިއިރު، އެ ޓީމުގެ މިޑްފީލްޑަރު ރޮޑްރީ އަށް ދެއްކި ރަތް ކާޑާއެކު ބޮޑުބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ.
މިއީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމު މޮޅުވި ހަވަނަ ފަހަރެވެ. މިހާތަނަށްއައިއިރު ލީގުގައި ސައްތައިން ސައްތައިގެ ރެކޯޑެއް އޮތީ ވެސް ސިޓީގެ އެކަންޏެވެ.
މިރޭގެ ނަތީޖާއާއެކު ސިޓީ ވަނީ ހަ މެޗުން 18 ޕޮއިންޓް ހޯދާފައެވެ. އޭގެ ފަސް ޕޮއިންޓް ފަހަތުން ދެވަނައިގައި ޓޮޓެންހަމް ހޮޓްސްޕާ އޮތްއިރު، ތިނެއްގައި އޮތް ލިވަޕޫލާއި ހަތަރުވަނައިގައި އޮތް އާސެނަލަށް ވެސް ޕޮއިންޓް ލިބިފައިވަނީ އެއްވަރަކަށެވެ.
އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އިންގްލެންޑްގެ މިޑްފީލްޑަރު، ފިލް ފޯޑެން އާއި ނޯވޭގެ ފޯވާޑް، އާލިން ބްރައުޓް ހާލަންޑް ކާމިޔާބުކުރި ލަނޑުތަކާއެކު ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފައެވެ.
އެކަމަކު، ދެވަނަ ހާފުގެ ކުޅުން ފެށިތާ 27 ވަރަކަށް ސިކުންތުގެ ތެރޭގައި ސިޓީގެ ސްޕެއިން މިޑްފީލްޑަރު، ރޮޑްރީ އަށް ސީދާ ރަތެއް ދެއްކުމުން ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ރޮޑްރީ އަށް ރަތް ކާޑު ދެއްކީ ނޮޓިންހަމްގެ އިނގިރޭސި މިޑްފީލްޑަރު، މޯގަން ގިބްސް-ވައިޓްއާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި އޭނާގެ ކަރުގައި ހިފުމުންނެވެ. ރެފްރީ އެންތަނީ ޓޭލާ ވަނީ އެވަގުތު ރޮޑްރީ އަށް ރަތް ކާޑު ދައްކައިފައެވެ. އަދި ފަހުން ވީއޭއާރް އިން ބެލުމަށްފަހު އެ ނިންމުމުން ބަދަލުނުކުރެއެވެ.
ފުރަތަމަ ހާފާއި ހިލާފަށް ފަހު ހާފުގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން ސިޓީން ބޮޑަށް ކުޅުނީ ޑިފެންސަށް އިސްކަންދީގެންނެވެ. އޭގެނަތީޖާއެއްގެ ގޮތުން، ފޮރެސްޓަށް ލަނޑުޖަހާނެ މާ ގިނަ ހުސް ފުރުޞަތުތަކެއް ތަނަވަސްކުރެވިފައިނުވާއިރު، ސިޓީގެ ކީޕަރު އެޑަސަން މޮރައެސް ވަނީ ފޮރެސްޓްގެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ހުއްޓުވައިފައެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ކްރިސްޓަލް ޕެލަސްއާ ފުލަމް ބައްދަލުކުރި މެޗު ލަނޑެއްނުޖެހި ވަނީ އެއްވަރުވެފައެވެ. ލޫޓަން ޓައުންއާ ވުލްވްސް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
